Last Updated: May 28, 21:50
Tuesday, May 28, 2024
ޚަބަރު

ކަރަންޓުގެ އަގަށް ގެނައި ބަދަލާއި އެކު ކަރަންޓު ބިލު ބޮޑުވާނެ!

ކަރަންޓު ސަބްސިޑީ ކަނޑާލައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމުމާއި ގުޅިގެން އާންމު ފަރާތްތަކުން ކުރިން ދައްކަމުން އައި ވަރަށްވުރެ ކަރަންޓް ބިލަށް އަންނަމަހުން ފެށިގެން ދައްކަންޖެހޭ ޢަދަދު ބޮޑުވާނެ ކަމަށް ފެނަކަ ކޯޕަރޭޝާނާއި އެންސްޕާ އަދި އެނާޖީ މިނިސްޓްރީން މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނެފިއެވެ.

އަލަށް އެކުލަވައިލި އޮނިގަނޑުގައިވާ ގޮތުން މަހެއްގެ މައްޗަށް ބޭނުންކުރާ ކަރަންޓުގެ މިންވަރު 400 ޔުނިޓަށްވުރެ ދަށުގެ ބިލްތަކަށް މިހާރަށް ވުރެ އިތުރަށް ގާތްގަނޑަކަށް 80 ރުފިޔާއާއި 135 ރުފިޔާއާއި ދެމެދު އަދަދެއް ދައްކަންޖެހޭނެއެވެ. އެހެންކަމުން ބޭނުންކުރާ ކަރަންޓުގެ މިންވަރު އިތުރުވާވަރަކަށް ކުރިން ދައްކަމުން އައި އަދަދަށްވުރެ ބިލަށް ދައްކަންޖެހޭ ޢަދަދު ނިސްބަތުން ބޮޑުވެގެންދާނެއެވެ.

ކަރަންޓު ސަބްސިޑީ ސަރުކާރުން ކަނޑާލާފައި މިވަނީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ. ރާއްޖޭގައި ކަރަންޓު ސަބްސިޑީ ސަރުކާރުން ދޭގޮތަށް ހަމަޖެހިގެން ދިއުމާއި ގުޅިގެން ޢާންމު ފަރާތްތަކުން ބިލްތަކަށް ދައްކަންޖެހޭ އަދަދު ކުރިން ވަރަށްބޮޑަށް ދަށްވެގެން ގޮސްފައިވެއެވެ.

ފެނަކައިން ކަރަންޓް ހިދުމަތް ދޭ 46،590 މީޓަރަށްވުރެ ގިނައިން ރާއްޖޭގެ އެކި ރަށްރަށުގައި ހުރިއިރު މިހާރު ކަރަންޓް ބިލަށް ސަބްސިޑީ ދެމުން އަންނަނީ ކަރަންޓު ބިލްގައި ހިމެނޭ ފިއުލް ސާޗާޖަށް ޖެހޭ ވަރަށެވެ. އެހެންކަމުން ސަރުކާރުން ސަބްސިޑީ ކަނޑާލުމަށް ނިންމުމާއި ގުޅިގެން ފިއުލް ސާޗާޖް ގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު އަންނަމަހުން ފެށިގެން ދައްކަން ޖެހޭނީ އާންމު ފަރާތްތަކުންނެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިން ބުނެފައިވާގޮތުން ކަރަންޓް ސަބްސިޑީ އަކީ ސަރުކާރުން ހަމަޖައްސާ އެއްޗެއްކަމުން، ސަރުކާރުން އެ އުނިކުރުމަށް ނިންމުމުން އެކަން ތަންފީޒު ކުރުން ނޫން ގޮތެއް އެ ކުންފުންޏަށް ނޯންނާނެއެވެ.