އައްޑު އާއި ސްރީ ލަންކާ އާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފެށުމާ ބެހޭ ގޮތުން ސްރީ ލަންކަން އެއާލައިންސާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާކޮށްފި އެވެ.
ލަންކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން މިނިސްޓަރު ލަންކާ އަށް ކުރެއްވި ދަތުރުގައި ކޮލޮމްބޯ އާއި ގަމާ ދެމެދު ދަތުރުތައް ފެށުމާ ބެހޭ ގޮތުން ސްރީ ލަންކަން އެއާ ލައިންސްގެ ޗެއާމަން އަޖިތު ޑިއާސް އާ އެކު މަޝްވަރާކޮށްފައިވެ އެވެ.
ޒަމީރު ލަންކާގެ މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުން ސްރީ ލަންކަން އެއާލައިންސާ އެކު ކުރެވުނު މަޝްވަރާތަކުން، ދަތުރުތައް ފެށުމަށް އެއާލައިނުން ވެސް ވަަރަށް ބޮޑަށް ޝައުގުވެރިވެ އެވެ.
އެހެންވެ ވަރަށް އަވަހަށް ދަތުރުތައް ފެށިގެން ދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ގަން އެއާޕޯޓް މިހާރު ތަރައްގީ ކުރުމުގެ ފަހުގެ މަރުހަލާ ވެސް ނިމުމަމަށް އަންނާނީ ވަަރަށް އަވަހަށް އިންޓަނެޝަނަލް އޮޕަރޭޝަންތަކެއް ގަން އެއާޕޯޓް ހުޅުވާލަން އެ އެއާޕީޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އަންނަނީ ތައްޔާރުވަމުންނެވެ.
ޒަމީރު ފާހަގަ ކުރެއްވި ގޮތުގައި ގަމަށް ސްރީ ލަންކަން އެއާލައިންސުން ދަތުރުތައް ފެށުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މިހާރަށް ބުރެ ބޮޑަށް އިތުރުވެގެން ދާނެ އެވެ.
ލަންކާ އާއި ގަމާ ދެމެދު ދަތުރުތައް ކުރުމަށް މީގެ ކުރިން ވެސް އެ އެއާލައިނާ އެކު ތަފާތު އެކި ފަހަރު މަތިން މަޝްވަރާކޮށްފައިވެ އެވެ.
ދާދި ފަހުން ކެނަރީފް ރިސޯޓުން ބުނި ގޮތުގައި އެެތަނުން ވެސް އަންނަނީ ގަމަށް ދަތުރުތައް ފެށުމާ ބެހޭ ގޮތުން ސްރީ ލަންކަން އެއާލައިންސާ އެކު ވާހަކަ ދައްކަމުންނެވެ.
ލަންކާ އާއި ގަމާ ދެމެދު 2013 ވަނަ އަހަރު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުތައް ފެށީ ވެސް ސްރީ ލަންކަން އެއާލައިންސުން ސަރުކާރާ އެކު މަޝްވަރާކޮށްފައި ވަނިކޮށެވެ.
އެހެން ނަމަވެސް އެ އެއާލައިނަށް ސަރުކާރުން ދައްކަން ޖެހޭ އަދަދު ބޮޑުވުމުން، މޯލްޑިވިއަން މެދުވެރިކޮށް ދަތުރުތައް ކުރަން ނިންމީ އެވެ.
އެކަމަކު ދަތުރުތައް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ގެއްލުންވާ ކަމަށް ބުނެ، މޯލްޑިވިއަނުން ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.