ހެއްވާ މަޖާ ކޮމެޑީ ފިލްމެއް ކުޅެލަން ވަރަށް ބޮޑަށް ކެތްމަދުވެފައި ހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު އަރުޖުން ކަޕޫރު ބުނެފި އެވެ.
އަރުޖުން ބުނީ އަމިއްލަ މިޒާޖުގައި ވެސް އޭނާއަކީ ވަރަށް މަޖާކޮށް އުޅޭ ސަކަ މީހެއް ކަމަށާއި އެކަހަލަ ރޯލެއް ފިލްމެއްގައި ކުޅެލަން ފުރުސަތު ލިބޭ އިރަށް ބޭނުން ހިފާނެ ކަމަށެވެ.
"މިހާތަނަކަށް އެކަހަލަ އެއްވެސް ރޯލެއް ޑައިރެކްޓަރަކު އަހަންނަކަށް ހުށަހެއް ނާޅާ. ތަންކޮޅެއް ސީރިއަސް ރޯލްތަކެއް މިހާތަނަށް ކުޅެވިފައި ހުރީ،" 2011 ވަނަ އަހަރު "އިޝަގްޒާދޭ" އިން ބޮލީވުޑަށް ނިކުތް އެކްޓަރު ބުންޏެވެ.
އޭނާ ބުނީ އާންމުކޮށް، ޑައިރެކްޓަރުން ސީރިއަސް، އެކްޝަން ރޯލްތައް އޭނާ އަށް ހުށަހަޅާ ސަބަބެއް ނޭނގޭ ކަމަށެވެ.
"ބައެއް މީހުންނަށް ހީވަނީ ކަންނޭނގޭ އަހަންނަކީ ވަަރަށް އިންޓެންސް، ވަރަށް ސީރިއަސް މީހެކޭ. އެކަމަކު އެހެނެއް ނޫން. އަހަރެންގެ މިޒާޖަކީ ވެސް އަސްލު ވަރަށް ސަކަ، މަޖާ މިޒާޖެއް،" ގުންޑޭ އާއި ތޭވަރު އަދި ފައިންޑިން ފެނީ ވެސް ކުޅުނު އުންމީދީ އެކްޓަރު ބުންޏެވެ.
އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ ލޯބީގެ ސީރިއަސް ފިލްމަކުންނެވެ. އެއީ ކަރީނާ ކަޕޫރާ އެކު ކުޅުނު "ކީ އެންޑް ކާ" އެވެ.
އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ މޯހިތު ސޫރީ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމް "ހާފް ގާލްފްރެންޑް" އަށެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޗެތަން ބަގަތު ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް ހަދާ ފިލްމުގައި އަރުޖުން ފެނިގެން ދާނި ޝްރަދާ ކަޕޫރާ އެކުގަ އެވެ.
މިއީ އެ ދެ މީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަރުޖުން މީގެ ކުރިިން ވެސް ވަނީ ބަގަތުގެ ވާހަކައަކަށް ހެދި ފިލްމެއް ކުޅެފަ އެވެ.
އެއީ އާލިއާ ބަޓާ އެކު 2013 ގައި ކުޅުނު "2 ސްޓޭޓްސް" އެވެ.