އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަސް އިއުލާންކޮށް ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް އެ ޕާޓީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.
އެމްޑީޕީން ބުނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ޖުމްލަ 506 ގޮނޑިއަކަށް ވާދަ ކުރާނެ ކަމަށެވެ. އެއީ، ރަށު ކައުންސިލްތަކުގެ 435 ގޮނޑިއަކަށާއި އަތޮޅު ކައުންސިލްތަކުގެ 51 ގޮނޑިއަކަށް އަދި ސިޓީ ކައުންސިލްތަކުގެ 20 ގޮނޑިއަކަށެވެ.
އެމްޑީޕީ ކައުންސިލް އިންތިހާބަށް ނިކުންނަނީ އިދިކޮޅު އިއްތިހާދުގެ ތެރެއިން އަދާލަތު ޕާޓީއާ އެކު އެވެ. އަދާލަތުން ކުރިމަތިލުމަށް ނިންމާފައިވަނީ ޖުމްލަ 147 ގޮނޑިއަކަށް ކަމަށެވެ.