Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ނައިކީން އަމިއްލައަށް ނާޑުވާ ބާރުވާ ބޫޓެއް ހަދައިފި

މަޝްހޫރު ނައިކީ ކުންފުނިން ބަޓަން ތަކެއް ބޭނުން ކޮށްގެން ނާޑުވާ ބާރުކުރެވޭ ބޫޓެއް އުފައްދައިފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ނައިކީއިން މާކެޓަށް ނެރެފައިވާ މިބޫޓަކީ ހަމަގައިމުންވެސް ގިނަ ބަޔަކަށް ވަރަށް ކަމުދާނެ ބޫޓެއް ކަން ޔަގީނެވެ. ސަބަބަކީ މިއަދު ޒަމާނަށް އައިސްފައިވާ ބޮޑު ބަދަލާއި އެކު ބޫޓުގެ ނާޑުވާ ބާރު ކުރަންވެސް ގިނަ މީހުންނަށް ވަގުތު ނުވާތީއެވެ. އެހެންވެ މި މޮޅު ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގައި އަހަރުމެންނަށް އުޅެން މިއޮތީ މާ ބޮޑަށް ވެސް ފަސޭހަވެފައެވެ.

މިބޫޓުގެ މޮޅު ތަންކޮޅަކީ ބަޓަނަކަށް ފިއްތުމުން އަމިއްލަޔަށް ނާޑުވާ ބާރުވުމެވެ. އެހެންކަމުން ބޫޓަށް އަރައި ނާޑުވާ ބާރުކުރާކަށް އެއްވެސް ވަރަކަށް ވިސްނާކަށް ނުޖެހެއެވެ. ޖެހެނީ ބަޓަނަކަށް ފިއްތާލާށެވެ.

ނައިކީގެ މި އާދަޔާ ހިލާފް ބޫޓު މާކެޓަށް ނެރެފައިވާ އިރު މީގެ ބޫޓެއްގެ އަގު އުޅެނީ 700 އާއި 720 އެމެރިކާ ޑޮލަރުގެ އަގަށެވެ. މި ބޫޓު ނައިކީން މާކެޓަށް ދޫކޮށްލާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

މިބޫޓަކީ ޗާޖް ކޮށްގެން ބޭނުން ކުރާ ބޫޓަކަށް ވުމާއެކު، ނައިކީ އިން އާންމު ކުރި ވީޑިއޯގައި ބެޓެރި ޗެކް ކުރާނެ ގޮތް ވަނީ ކިޔައިދީފަވެއެވެ. އެގޮތުން ބޫޓުގެ ކޮންމެވެސް އެއް ބަޓަނަކަށް ފިއްތުމުން، ބޫޓުގެ ފަހަތުން ދިއްލޭ ކުލަ ބަދަލުވެއެވެ. ނޫ ކުލައިން ދިއްލިފައި ހުރެއްޖެނަމަ އެހެރީ ބެޓެރި ލައިފް ފުލްކޮށެވެ. މެދުމިނަކަށް ބެޓެރީ ހުރެއްޖެނަމަ ދިއްލޭނީ ރީނދޫ ކުލަ އިންނެވެ. އަދި ބެޓެރި ލައިފް ދަށް ވެއްޖެނަމަ ދިއްލިފައި ހުންނާނީ ރަތްކުލައިންނެވެ.

މި ބޫޓަކީ ހޮލީވުޑްގެ ހިޓް ފިލްމެއް ކަމަށްވާ ބުކް ދަ ފިއުޗާއިން ފެނުނު މޮޑެލްއެއްގެ މައްޗަށް ބިނާކޮށް ހެދި ބޫޓެއް ކަމަށް ނައިކީއިން ބުނެއެވެ.