Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

104 ސެޓެލައިޓާ އެކު އިންޑިއާ އަށް ރެކޯޑެއް

އިންޑިޔާގެ ޖައްވާއި ބެހޭ އޭޖެންސީ (އައިއެސްއާރްއޯ) އިން 104 ސެޓެލައިޓު އެއް ރޮކެޓެއްގައި ޖައްވަށް ކާމިޔާބުކަމާއެކު ފޮނުވާލައިގެން ދުނިޔޭގެ ރެކޯޑު ހަދައިފިއެވެ.

ސްރިހަރިކޯޓާގެ ސްޕޭސް ޕޯޓުން މިއަދު ފޮނުވި ރޮކެޓުގައި އިންޑިޔާގެ ދުނިޔެ އޮބްސާވް ކުރާ ސެޓެލައިޓާއެކު 104 ސެޓެލައިޓު ވަނީ ޖައްވުގައި ގާއިމްކޮށްފައެވެ.

އިންޑިޔާ ގަޑިން މިއަދު ހެނދުނު 9:28 ވީއިރު ޖައްވަށް ފޮނުވި ރޮކެޓުގައި ފޮނުވި 101 ސެޓެލައިޓަކީ ބޭރު ގައުމުތަކުގެ ސެޓެލައިޓުތަކެވެ.

އޭޖެންސީގެ އެންމެ ކާމިޔާބު އެއް ދުވަހަށް މިއަދު ވެގެންގޮސްފައިވާއިރު އޭޖެންސީގެ ޗެއާމަން ބުނެފައިވަނީ މި މިޝަނުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމުން ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.

މީގެ އިތުރުން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީވެސް ވަނީ އޭނާގެ އަމިއްލަ ޓުވިޓާގައި އައިއެސްއާރްއޯ އަށް ތަހުނިޔާ ކިޔާފައެވެ.

އައިއެސްއާރްއޯ އިން ވަނީ 2015 ވަނަ އަހަރު 23 ސެޓެލައިޓު އެއްފަހަރާ ޖައްވަށް ފޮނުވާލާފައެވެ. މިއީ އޭގެ ފަހުން އެންމެ ގިނަ ސެޓެލައިޓު ފޮނުވި ފަހަރެވެ.