Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ޑައިޓް ކުރާ މީހުން ކާންވީ ކޯއްޗެއް؟

މިހާރަކަށް އައިސް ޑައިޓު ކުރުން މިވަނީ އާއްމުވެފައެވެ. ބައެއް މީހުން ޑައިޓު ކުރުމަށް އެއްވެސް އެއްޗެއް ނުކައި ނުބޮއި، ހަށިގަނޑު ހަލާކުގެތެރެއަށް ވައްޓާލަނީއެވެ. އަނެއް ބަޔަކު މިކަން ކުރަނީ ސިއްހީ ފައިދާ ހުރި މޭވާ ބޭނުންކޮށްގެން ސިއްހަތަށް ފައިދާވާ ގޮތަށެވެ. ތިރީގައި މި ފާހަގަކޮށްލާ މޭވާ ތަކަކީ ޑައިޓު ކުރާ މީހުން ބޭނުން ކުރަން އެންމެ ހާއްސަ މޭވާތަކެވެ.

1. ދޮންކެޔޮ

އާންމުކޮށް މީހުން ޤަބޫލު ކުރާ ގޮތުގައި ދޮންކޭލަކީ ޑައިޓް ކުރާނަމަ ކެއުން ރަނގަޅު މޭވާއެއް ނޫނެވެ. އެހެންނަމަވެސް ހަޤީގަތުގައި ދުވާލަކު އެއް ދޮންކެޔޮ ކެއުމަކީ މައްސަލައެއް ނޫނެވެ. ޕޮޓޭސިއަމް އިން ފުރިގެންވާ މި މޭވާ އަކީ ކަސްރަތަށްފަހު ވަގުތުން ހަކަތަ ހޯދުމަށްޓަކައި ކެއުން ރަނގަޅު އެއްޗެކެވެ.

2. ފަޅޯ

ފައިބާ އާއި ރަނގަޅު އަދަދަކަށް ފެން އެކުލެވިގެންވުމުން ފަޅޮލަކީ ހެނދުނު ނާސްތާ އަކަށް ކެއުން ވަރަށް ރަނގަޅު މޭވާއެކެވެ.

3. ކިވީ

ކިވީ އަކީ ލޭގައި ޓްރައިގްލިސެރައިޑް ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗަކަށް ވުމުގެ އިތުރުން ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން ކޭ އެކުލެވިގެންވާ މޭވާއެކެވެ. އަދި ކިވީ އަކީ ހަކުރު މަދުން ހުންނަ މޭވާ އަކަށް ވުމުން، ހަވީރާއި ރޭގަނޑު ކެއުން ރަނގަޅު އެއްޗެކެވެ.

4. ސްޓްރޯބެރީ

މިއީ ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓްސް، މިނަރަލް އަދި ވިޓަމިން އެކުލެވިގެންވާ މޭވާއެކެވެ. ސްޓްރޯބެރީ ކެއުމަކީ މުސްކުޅިވުން ލަސްކޮށްދީ މެޓަބޮލިޒަމް އަވަސް ކޮށްދޭ މޭވާއަކަށް ވުމުން، ބަރުދަން ލުއި ކުރުމަށް އެންމެ އެކަށީގެންވާ އެއް ކާނާއެވެ.

5. އޮރެންޖު

ވިޓަމިން ސީ އިން ފުރިގެންވާ ސިޓްރަސް (ހުތް) މޭވާތަކަކީ ހަށިގަނޑަށް އަލްކަލައިން ގެ އަސަރު ކުރުވައިދޭ މޭވާތަކެކެވެ. އޭގެ ސަބަބުން އިންފްލެމޭޝަން ރަނގަޅުވެ، ހަކަތަ ހުންނަ މިންވަރު އިތުރުވެގެން ދެއެވެ.

6. އާފަލު

ހަކުރު ހުންނަ މިންވަރު މަދު އަދި ގިނައިން ފައިބާ އާއި މިނަރަލްސް އެކުލެވިގެންވާ އާފަލަކީ ސްމޫތީ ހަދައިގެން ނުވަތަ މެންދުރު ފަހު ރޮލާއި ކެއުންވެސް ރަނގަޅު މޭވާއެކެވެ.

7. ފޭރު

މިއީ ވެސް ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ މޭވާއެކެވެ. އަދި މީގެ އިތުރުން ފޭރުގައި ގްލައިސީމިކް އިންޑެކްސް ވަރަށް ދަށެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

8. ކަރާ

ކަރާ އަކީ 90 އިންސައްތަ އަށް ފެން އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން ކަރާ ކެއުމުން ވަރަށް އަވަހަށް ބަނޑު ފުރޭނެއެވެ. އަދި ބަނޑުހައިވެގެން އެހެނިހެން އެއްޗެހި ކާކަށް ނުޖެހޭނެއެވެ.