Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކޯގަންނު ގަބުރުސްތާން ބަލަހައްޓާނެ ބަޔަކު ހޯދަނީ

އައްޑޫ މީދޫގައި ހުރި އެންމެ ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ ކޯގަންނު ގަބުރުސްތާން ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެތަން ބަލަހައްޓައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 11 ވަނަ ދުވަހު މީދޫ އަވަށު އޮފީހުގައި އޮންނާނެ އެވެ. އެއީ މެންދުރު ފަހު 1:00 ގަ އެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސާފު ކުރަން ނުދާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށެވެ.

މީދޫ ކޯގަންނު ގަބުރުސްތާން ބަލަހައްޓާނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފައި މި ވަނީ އެތަނަށް މި ފަހަކަށް އައިސް ބައެއް މީހުން ގެއްލުން ވެސް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

އަދި މިކަމާ ގުޅިގެން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުންގެ މައްޗަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

ބުނެވޭ ގޮތުގައި ކޯގަންނު ގަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތަކީ ޔަމަނުގެ ސަންހާގެ ދަންނަ ބޭކަލެއް ކަމުގައިވާ ސުލައިމާނު ގާދިރުކަލޭގެ ފާނުގެ ސުވަރު ގާދިރު ކަލޭގެ ފާނުގެ އީސާގާދިރު ކަލޭގެ ފާނުގެ އައްޝެއިޚް ހާފިޒު ޔޫސުފުއްނާއިބްގެ އާއިލާ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ.

ސުލައިމާނު ގާދިރުކަލޭގެ ފާނުންގެ އާއިލާއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ދަސްކޮށް ދެއްވައި ދެކުނުގެ އަތޮޅުތަކުގެ މީހުން އިސްލާމް ދީނަށް ވެއްދި އާއިލާ އެވެ.