Last Updated: March 29, 02:52
Friday, March 29, 2024
ރިޕޯޓް

ހުޅުދޫގައި ކީއް ކުރަން އެޅި ފްލެޓްތަކެއް؟

ހުޅުދު އާއި މީދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުދޫގައި ފްލެޓްތަކެއް އަޅަން މި ސަރުކާރުން ނިންމި ހިސާބުން ވެސް އެކަމާ ވަރަށް ގިނަ ބަޔަކު ފާޑު ކިޔެ އެވެ. ގިނަ ބަޔަކު އޭރު ވެސް ބުނީ ހުޅުދޫގައި ފްލެޓްތަކެއް އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެއީ ބޭކާރު ކަމެއް ކަމަށެވެ.

އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކަށް ބަލާ އިރު، ވަކިން އޮންނަ ހުޅުދު އާއި މީދުއަކީ އާބާދީ މަދު ދެ އަވަށެވެ.

އެ ދެ އަވަށުގެ ގިނަ ބަޔަކު މާލެ އަށް ހިިޖުރަކޮށްފައިވާތީ، އެތަންތަން އަބަދު ވެސް ފެންނަނީ ވަރަށް ފަޅުކޮށެވެ. ފަޅު ގޯތިތަކާއި ގެތައް ބައިވަރެވެ. އެތަންތަން އެހެރަ ވީރާނާ ވަނީ އެވެ.

ތަރައްގީގެ މާ ބޮޑު ކުލަވަރެއް މިހާތަނަށް ފެންނަން ނެތް ތަނެއްގައި އަނެއްކާ ވެސް ބޮޑު ހަރަދުތަކެއްކޮށްގެން ފްލެޓް އެޅުމުގެ ބޭނުމެއް ނެތެވެ. އެތަންތަނުގައި ދިރިއުޅޭނެ ބަޔަކު ނެތް ނަމަ ކީއް ކުރާ ފްލެޓެއް ހެއްޔެވެ؟

އެތަންތަން ބޮޑު ކުއްޔަށް ނަގައިގެން ތިބޭނެ ބަޔަކު ކަމަކަށް ކުރިން ވެސް ގަބޫލެއް ނުކުރެވެ އެވެ.

އެކަމަކު ސަރުކާރުން ހުޅުދޫގައި 48 ފްލެޓް އެޅި ކޮން ވިސްނުމެއްގައި، ކޮން ކަހަލަ ސިޔާސަތެއްގެ ދަށުން ކަމެއް ނޭނގެ އެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ފްލެޓް ކަހަލަ ވަސީލަތްތައް ގާއިމު ކުރުމަށް ވުރެ، ހުޅުދު އާއި މީދޫގައި މިހާރު ތިބި މަދު އާބާދީ އަށް ވަޒީފާ ލިބޭނެ ގޮތްތަކެއް ހަދައި ދިނުން މާ ރަނގަޅެވެ.

މީދުއާ ކައިރީ އޮތް އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ވާހަކަ ދައްކާފައި އެކަން މިހާރު އޮބިއްޖެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އެ ޕްރޮޖެކްޓް އިފުތިތާހުކޮށްފައި މިހާތަނަށްވީ ކަމެއް ހަރާމެވެ. އަގު ބޮޑު ފްލެޓްތައް ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ ނަމަ، އެތަންތަނަށް ވެދެވޭނެ ތަނަވަސްކަން ފުރަތަމަ ރައްޔިތުންނަށް ފަހިކޮށް ދޭށެވެ. އެކަން ނުކޮށް ފްލެޓް އެޅިޔަސް އެއިން ތަނެއްގައި ދިރިއުޅޭނެ ރައްޔިތަކު ނުވާނެ އެވެ.

އެކަން މިހާރު މިއޮތީ ސާބިތުވާށެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސަރުކާރުން ހުޅުމީދޫގެ 48 ފްލެޓްގެ ތެރެއިން 38 ފްލެޓަކަށް ކުރިމަތިލާން ހުޅުވައިލި އެވެ. ނަތީޖާއަކީ ކުރިމަތިލާނެ ބަޔަކު ނުވުމެވެ.

އެހެންވެ އަނެއްކާ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލި އެވެ. ސުންގަޑި ހަމަވި އިރު، ޖެހުނީ ހަމަ ކުރިން ތަނުގަ އެވެ. ތަރުހީބެއް ލިބޭ ކަމަކަށް ނުވި އެވެ.

ހައުސިން މިނިސްޓްރީން ދެވަނަ ހަރަށް ހުޅުމީދޫ ފްލެޓަށް ހުޅުވާލީ ކެޓަގަރީ A އަށް އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައި ނުވާތީ އާއި ހުޅުމީދޫ އަވަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ އެހެން ރަށްރަށުގެ ފަރާތްތަކަށް ވެސް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކެޓަގަރީ C އިތުރުކޮށް މެއި 31، 2016 ގައި އިއުލާން ކުރެވުނު އުޞޫލަށް ބައެއް ބަދަލުތައް ވެސް ގެނެސްގެންނެވެ.

އެކަމަކު މިދިޔަ މަހުގެ ދޭކަށް ސުންގަޑި ހަމަވި އިރު މިއިން ފްލެޓަކަށް ހަމަހިލާ ކުރިމަތިލާނެ މީހަކު ނުވި އެވެ.

އެހެންވެ މިނިސްޓްރީން މިހާރު ތައްޔާރުވަމުން އަންނަނީ އަނެއްކާ ވެސް ޝަރުތުތަކެއް ލުޔެއް ގެނެސް، އަލުން ފުރުސަތު ހުޅުވައިލާށެވެ.

ދެން ވެސް ނިކުންނާނީ ހަމަ ކުރިން ނިކުތް ނަތީޖާކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށް ގިނަ ބަަޔަކު އަންނަނީ ބުނަމުންނެވެ.

ކުރިން ވެސް ރައްޔިތުން ބުނި ގޮތަށް ހުޅުދޫގައި ފްލެޓް އެޅުންވެގެން ދާނީ ބޭކާރު ކަމަކަށެވެ. ރައްޔިތުންގެ އަޑު އޭރު ސަރުކާރުން އެހި ނަމަ، ހުޅުދޫގައި މި އެޅި 48 ފްލެޓްގެ ކުރިމަގާ މެދު ސުވާލު އުފައްދާނެ ޖާގައެއް މިހާރަކު ނޯންނާނެ އެވެ.

މިއިން ފްލެޓަކަށް ވަނުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މެދުގައި ނެތް އިރު، ދެން މި ފްލެޓްތަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

ބައެއް މީހުން ސިފަ ކުރާ ގޮތުގައި ރިޔާސީ އިންތިހާބު ވެސް ކައިރިވަމުން އަންނާތީ ސަރުކާރު ހިންގާ ޕާޓީ ފަޅީގެ ބަޔަށް ވޯޓް އިތުރުކޮށްލުމުގެ ގޮތުން، މި ފްލެޓްތައް "ހިނދުކޮޅަކަށް" ބަޔަކަށް ހިލޭ ދީ ވެސް ފާނެ އެވެ.

ވާ ގޮތެއް ބަލަން މަޑުކޮށްލަމާ ހިނގާށެވެ.