Last Updated: April 23, 17:29
Tuesday, April 23, 2024
ޚަބަރު

ރާއްޖެތެރެ މީހުންނެއް ނެތް، ތިބީ ހުސް ދިވެހިން: ރައީސް ޔާމީން

ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ނިސްބަތްކޮށް "ރާއްޖެތެރެ މީހުން" ކިޔާތީ އެކަމާ ރައީސް އަބްދުﷲ ޔާމީން ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ޕީޕީއެމުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ދިވެހިންނަކީ ވެސް ދިވެހިން ކަމަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ދެ ދަރަޖައިގެ މީހުންގެ ގޮތުގައި ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން ކަމަށާއި އަދި ރާއްޖެތެރޭ މީހުންނޭ ކިޔައި ދެ ދަރަޖައިގެ މީހުން އުޅޭ ވާހަކަ ދެކެވެން ފެށީ އެ މަނިކުފާނުގެ ވެރިކަމުގައި ނޫންކަމަށް ރައީސް ޔަމީން ވިދާޅުވިއެވެ.

"ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން. ކިތަންމެ ފަހަރަކު މި ވާހަކަ ދެކެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގައެއް ނޫން ދެ ދަރަޖައިގެ މީހުން އުޅޭ ކަމަށް ބުނެވިފައި އޮތީ. އަޅުގަނޑު ސަރުކާރުގައި ހުރިހާ ދިވެހިންނަކީ ވެސް ދިވެހިން" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދެ ދަރަޖައެއްގެ ރައްޔިތުންނެއް ނުތިބޭނެ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް ލިބިގެންދާނެ ބައެއް ކަމަށެވެ.

"ރާއްޖެއަކީ އެއް ރާއްޖެއެއް"ގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި މި ސަރުކާރުގައި ރާއްޖެތެރެއާ މާލެއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ކެބިނެޓަށް ބަލައިލި ނަމަވެސް އަޣުލަބިއްޔަތަކީ އަތޮޅުތެރޭގެ ބޭފުޅުން ކަމަށާއި އެމަނިކުފާނަކީ ވެސް ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށެވެ.