ޚަބަރު

ޓެކްސް ނެގޭ އުސޫލުތައް ހަރުދަނާ ކުރަން ޖެހޭ: އަސްލަމް

ރާއްޖޭގައި ޓެކްސް ނެގޭ އުސޫލުތައް ހަރުދަނާ ކުރުމަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.

އަސްލަމް މިގޮތަށް ގޮވާލައްވާފައި ވަނީ ޕެޓްރޯލާއި ޑީސެލް ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓް ކުޑަ ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާޙާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ޓެކްސްގެ ބިލުތައްމި ދަނީ މުޅި މަޖިލިސް ހިމެނޭ ކޮމިޓީއަކަށް ކަމަށާއި އެހެންނަމަވެސް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަޖިލިސް ކުރިއަށް ގެންދެވުމުގައި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވާހަކަދައްކާނެ އެއްވެސް ފުރުޞަތެއް ނުދެވި ދާތީ އެކަމާއި މެންބަރ އަސްލަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާޙާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އިމްޕޯޓް ޑިއުޓީއަކީ އެއީ ދައުލަތަުށް އާމްދަނީ
ހޯދުމަުށް ވުރެ އިމްޕޯޓް އެކްސްޕޯޓް ރެސްޓްރިކްޓްކުރުމާއި އެތެރޭގެ އެހެނިހެން ސިނާޢަތްތަކަުށް ޖާގަދިނުން ފަދަ ކަންކަމަށް ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް ހުށަހެޅި ކަމަށެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުން ހުށަހަޅައިގެން ތެލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ޕަސެންޓަށް ތިރިކުރެވުނު ކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"(އެމް.ޑީ.ޕީގެ ސަރުކާރުން) ސުން ޕަސެންޓަށް ތިރިކުރެވުނު އެއް ބާވަތް ތެލުގެ ބާވަތްތަކަކީ. މިދެންނެވީ 2011 ވަނަ އަހަރު. އެހެންނަމަވެސް، އަޅުގަނޑުމެންނަުށް ފެނިގެންދިޔައީ 2014 ވަނަ އަހަރު އަލުން %10 އަުށް އިތުރުކުރެވުނު ތަން. މިހާރު ސަރުކާރުން މި އެދެނީ %5 އަށް ތިރިކުރަން."

އަސްލަމް ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އަދި މިހާރު ވެސް އެމްޑީޕީ އިން ވަކާލާތު ކުރަމުން ދަނީ އިމްޕޯޓް ޓެކްސް ނުނަގާ ޖީ.އެސް.ޓީ ނަގަން ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވަނީ އިމްޕޯޓް ޑިއުޓީ ނެގުމުން، ޖީ.އެސް.ޓީ ނަގާފައި އަދި އިމްޕޯޓް ޑިއުޓީ ނެގުމުން ހަމަ ދެ ފަހަރަށް އެއް ބާވަތަކުން ޓެކްސް ނެގި ، ރައްޔިތުންނަުށް އޭގެން ކުރާ ބުރަ ބޮޑުވެގެންދާ ކަމަށެވެ. އަދި ހަމަ އެހެންމެ އޭގެ ނޭދެވޭ އަސަރު ވިޔަފާރިތަކަށް ކުރަމުން ގެންދާ ކަން ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ ޖީ.އެސް.ޓީއަށް ގެންނަ ބަދަލަކުން ދައުލަތައް ބޭނުންވާ އާމްދަނީ އިތުރުކޮށް މަތިކުރެވޭނޭ ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ހަރުދަނާ ޓެކްސް ނިޒާމެއް ކަމަށެވެ.