Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ގާޒީ ބާރީ ޖޭއެސްސީ އަށް ހާޒިރު ކުރަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ބާރީ. ފޮޓޯ: އަވަސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރު ކުރަނީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ބައެއް މައްސަލަތައް ކުރިއަށް ނުދާތީ އެކަމާއި ގުޅިގެންނެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރު ކުރާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްސަލަ ބައްލަވާ ބެންޗުގައި ވެސް ގާޒީ ބާރީ ހިމެނިވަޑައިގަންނަވައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ފަހަށް ވަނީ ޝެޑިއުލްކޮށްފައެވެ.

އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގައި ގާޒީ ބާރީ އެ ކޮމިޝަނަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، ސިޔާސީ ލީޑަރުންގެ ޝަރީޢަތް ކުރިއަށް ގެންދިޔަ ބެންޗުތަކުގައި ވެސް އެބޭފުޅާ ހިމެނިވަޑައިގަންނަވައެވެ. އެކަމާއި ގުޅިގެން ސިޔާސީ ފަރާތްތަކާއި އާންމުންގެ ފާޑުކިިޔުންތައް ގާޒީ ބާރީއަށް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކްރިމިނަލް ކޯޓްގެ އިސްގާޒީ މަގާމަށް ބާރީ ހަމަޖައްސަވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ. ގާޒީ ބާރީ އެ މަގާމަށް ހަމަޖައްސަވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލުކުރުމަށް ފަހު އެވެ.

ޖޭއެސްސީއަށް ގާޒީ ބާރީ ހާޒިރުކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.