Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މި ވަރުގެ ނަސީބެއް ލައްވާލާނީ މަދު ފަހަރަކު!

މަރަދޫފޭދޫ ލީލާ މަންޒިލް ފަޔާޒް ރަފީގް ޝީޝާ ހިތަދޫ ޝޯރޫމުން ސައިކަލެއް ނެގީ އެއްގޮތަކަށް ވެސް ކުރިއަށް ވާނެ ގޮތެއް އެނގިގެނެއް ނޫނެވެ.

ސައިކަލެއް ނެތުމުން ވާ އުނދަގޫ ބޮޑުކަމުން ސައިކަލެއް ހަމަ ނަގަން މަޖުބޫރުވީ އެވެ. މިއީ އެއްގޮތަކަށް ވެސް ޕްރޮމޯޝަނެއްގައި ބައިވެރިވާން ވެގެން ކުރި ކަމެއް ވެސް ނޫނެވެ.

އެކަމަކު ކަން ނިމިގެން ދިޔަ އިރު ފަޔާޒަށް ވުރެ ވަކި ނަސީބު ގަދަ މީހަކު އެބަ ހުރި ހެއްޔެވެ؟ އޭނާ ވޭވް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ނެގީ 52،800ރ. އަށް ވިއްކި ވޭވް 125 އައިއެކެވެ.

ޝީޝާ އިން މިދިޔަ ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ "ސައިކަލް ތާސްޓް" ޕްރޮމޯޝަންގެ ނަސީބުވެރިން މި މަހުގެ 10 ވަނަ ދުވަހު ހޮވި އިރު، އެންމެ ބޮޑު އުފަލެއް ލިބުނީ ފަޔާޒަށެވެ. އޭނާ ސައިކަލް ގަންނަން ކުރި ހުރިހާ ހަރަދެއް އަނބުރާ ލިބުނީ އެވެ. ހަރަދު ކުރި ފައިސާއާ އެކު ސައިކަލް ވެސް ހިލޭވީ އެވެ.

އެހެންވެ އޭނާ ހުރީ މިންވަރު ކުރެއްވި ނަސީބަށް ވަރަށް ބޮޑަށް ޝުކުރުކޮށްގެންނެވެ.

"ހަޔާތުގައި އަދި ދުވަހަކު ވެސް މިވަރުގެ ކަމަކާ ދިމައެއް ނުވޭ. މިއީ ނަސީބަކުން އަގުހުރި އިނާމެއް ލައްވާލި ފުރަތަމަ ފަހަރު،" އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ސަދަން ޓްރާންޕޯޓް ލިންކް (އެސްޓީއެލް) ފޭދޫ އޮފީހުގައި ސެކިއުރިޓީއެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ފަޔާޒް ބުންޏެވެ.

އޭނާ ބުނީ "މާތް ﷲ އެއްޗެއް ދެއްވަން އޮތިއްޔާ ކޮންމެ ފަދަ ގޮތެއް ވެސް މެދުވެރިކޮށްފާނެ" ކަމަށެވެ.

"އެއީ މި އުފާ ލިބުނީމަ އަޅުގަނޑު އެކަން ބަލައި ގަންނަ އޮތަކީ،" ސައިކަލެއް ނެތިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ހަދަން ފެށި ކޯހެއް ވެސް ހުއްޓާލި ޒުވާނާ ބުންޏެވެ.

ޝީޝާ އިން އޭނާ ސައިކަލް ނަގައިގެން ދުއްވާ އިރު އޭގައި އަދި ކިލޯ މީޓަރެއް ވެސް ހަމަ ނުވެ އެވެ.

 

"އައްޑޫގައި ސައިކަލް ވިއްކާ ތަންތަން ބަލާފައި ޝީޝާ އިން ސައިކަލް ނަގަން ނިންމީ. ޕްރޮމޯޝަނެއް ކުރިއަށްދާތީ އެތަނުން ނަގަން ނިންމީކީ ވެސް ނޫން،" ފަޔާޒް ބުންޏެވެ. "މި ސައިކަލަކީ ފުރަތަމަ ޗޮއިސްއެއް ވެސް ނޫން. އަސްލު ނަގަން ބޭނުންވި ސައިކަލް ތަންކޮޅެއް އަގު ބޮޑުވީމަ މި ސައިކަލް ނެގީ،"

އޭނާ ބުނީ ސައިލަކަށް ހުރި ހަރަދު އަނބުރާ ލިބުމުން އެއަށް ދެން ހަދާނެ ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.

"އަހަރެން ކޮންމެ ކަމެއް ވެސް ކުރަނީ މަންމަ އާއި ބައްޕައާ މަޝްވަރާކޮށްފައި. އެހެންވީމާ އެ ލާރި އަށް ދެން ހަދާނެއް ގޮތެއް ނިންމާނީ އެ މީހުންގެ ލަފަޔާއާ އެކު،" އަދި ހުސްހަށިބައިކޮށް ހުރި ފަޔާޒް ބުންޏެވެ.

އޭނާ ބުނީ ޕްރޮމޯޝަނުގެ އެއް ވަނަ ނަސީބުވެރިއަކަށް ހޮވުނުކަން އެނގުނީ ޑިއުޓީގައި ހުއްޓައި ޝީޝާ މާލެ އޮފީހުން ގުޅުމުން ކަމަށެވެ.

"ފުރަތަމަ ގަބޫލު ކުރަން ވެސް ދަތިވި. އެކަމަކު ނަސީބުވެރިއަކަށް ހޮވުނު ވާހަކަ އާއި ތަހުނިޔާ ކިޔާ ވާހަކަ ބުނިމަ އުފަލުން ގޮސް އަސްލު ނޭނގުނު ބުނާ އެއްޗެއް ވެސް،" ފަޔާޒު ބުންޏެވެ.

"ނަސީބުވެރިއަކަށް ހޮވުނު ވާހަކަ އެއްވެސް ރައްޓެއްސެއްގެ ކައިރީގައި ނުބުނެ ހުއްޓައި، ބައެއް ރައްޓެހިންނަށް އެނގިގެން އެބަ ގުޅާ މިހާރު. އަދި ކޮފީ ދޭން ޖެހޭނެއޭ ވެސް އެ ބުނޭ." ފަޔާޒް ބުންޏެވެ. "ދެން މި ވަރުގެ ނަސީބެއް ލިބުނީމަ އެވަރުކޮށްލަން ވާނެތާ ދޯ؟"