Last Updated: July 27, 15:08
Saturday, July 27, 2024
ރިޕޯޓް

އަނަސް މަރާލީ ފާޅުގައި ވަޅި، ކަތިވަޅި ހިފައިގެން މަގުމައްޗަށް ނިކުމެ!

އެމަންޒަރަކީ އަޅުގަނޑުމެން އެކަކުވެސް ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. އަދި މިހާތަނަށް ފެނިދާނެކަމަށް އުންމީދުކުރި މަންޒަރުތަކެއް ވެސް ނޫނެވެ.

ހޯމަދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ހަލަބޮލި މާލޭގެ މަޖީދީމަގުން އެދިޔައީ މޫނުނިވާކޮށްގެން ތިބި 10 ވަރަކަށް ޒުވާނުންނެވެ. އެޒުވާނުން 05 ސައިކަލުގައި ދަތުރުކޮށްފައި ދިޔައިރު ކޮންމެ މީހެއްގެ އަތުގައި ތޫނު ހަތިޔާރު ހާމަޔަށް ފެންނަން ހުއްޓެވެ. އެމަންޒަރު އެތައް ބަޔަކަށް ފެނުނެވެ. ސައިކަލުތަކުގެ ލައިޓް ނިއްވާލައިގެން މަޖީދީމަގުންގޮސް އޮލިމްޕަހާއި ޖެހިގެންއޮތް ގޯޅިއަށް ވަދެގެން ދިޔައިރު އެހިސާބުގަ ތިބި އާންމުން ތިބީ ގުޑިލަންވެސް ނުކެރިފައެވެ. ބަލާލެވޭ ގޮތަކުންވެސް އެޒުވާނުންގެ އަތުގައި ހުރި ވަޅި ކަތިވަޅީގެ މިޔަދަށުގައި ވެދާނެތީއެވެ.

އެގޯޅިން ވަދެގެން ދިޔަތާ ކުޑައިރުކޮޅެއް ފަހުން އެކުދިން ބާރުބާރަށް ސައިކަލުގައި ނިކުމެ ދަތުރުފެށީ އަނެއްކާ މަޖީދީމަގުން ހެންވޭރުކޮޅަށެވެ. އެނިކުތީ ހަނދުވަރުދޭ ގޯޅީގައި ހަދީބީމަގުގެ ކަންމައްޗަށްވާ ކަހަލަގޮތަކަށްހުންނަ ލިޓަސް ސާވިސް ސެންޓަރު ކައިރީގައި ރ.މީދޫ ފެންފިޔާޒުގޭ އަޙްމަދު އަނަސް 25، އަށް ހަމަލާދީ މަރާލާފައެވެ.

އަނަސްގެ ހަށިގަނޑުގެ އެތަންމިތަނަށް ރަހުމުކުޑަކޮށް ހަމަލާދީ މަރާލީ ކޮން ކަމެއް ގޯސްކޮށް ކުރެވިގެން ކަމެއްނޭގެއެވެ. އެނގިފައިވާ ގޮތުން އަނަސް މަސައްކަތްކުރަނީ ރ. އަލިފުށީގައި ދުއްވާ ލޯންޗެއްގެ ކައްޕިއަކަށެވެ. އަދި މާލެ އައީ ދަތުރެއްގައި އެދުވަހު ކަމަށްވެއެވެ. އަނަސްއަކީ މާލޭގެ އެއްވެސް ގުރޫޕަކަށް ނިސްބަތްވާ މީހެއް ނޫންކަމަށް ބުނެ އަނަސް ދަންނަ ގާތްމީހުން ދަނީ ސޯޝަލްމީޑިޔާގަ ހިތާމަ ފާޅުކުރަމުންނެވެ.

ކޮންމެއަކަސް ރަހުމު ކުޑަގޮތަކަށް އެމަރާލެވުނީ ދިވެހި ޒުވާނެކެވެ. އެޒުވާނާ މަރާލީ ފާޅުގައި އެތައް ބައެއްގެ ކުރިމަތީގައެވެ. އަނަސް މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއްމީހުން އޮލިމްޕަސް ގޯޅިން ނިކުމެގެން ނައްޓާލިއިރު ތިބީ މޫނުވެސް ނިވާނުކޮށް ކަމަށްވެއެވެ.

ހަމަލާއަށް ފަހު ހަނދީބީ މަގުން ވަންވޭއާ އިދިކޮޅަށް ސައިކަލުތަކުގައި އެޒުވާނުން މަޖީދީމަގަށް ނިކުތީ މަގުމަތިން ދިމާވި ކޮންމެމީހަކަށް ހަޑިހުތުރުބަހުން ނިސްބަތްކޮށް މަގުން ޖާގަދެއްކުމަށް ގޮވަމުންނެވެ. މަގުމަތީގައި ތިބި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާ ތަފާތުކުރުމެއްނެތި ޖާގަ ދެއްކުމަށް ބާރަށް ގޮވަމުން ދިޔައީ އަތުގައިހުރި ތޫނު ހަތިޔާރުތައް ޖާގަ ދައްކަން ލަސްވި ކޮންމެމީހަކާ ދެކޮޅަށްވެސް ބޭނުންކޮށްފާނެ ކަހަލަ ގޮތަކަށެވެ.

އެއީ ބިރުވެރި ވަގުތުކޮޅެކެވެ. އެޒުވާނުންގެ އަނިޔާވެރިކަމާއި އިންޒާރުގެ ބަހުރުވައިން މުޅި ހިސާބުގަނޑު އޮތީ ނާމާންވެފައެވެ. އާންމުން ތިބީ ހަދާނެގޮތް ހުސްވެފައެވެ. ދުއްވާފައިދިޔަ ސައިކަލެއްގައި ތިބި ދެމަފިރިޔަކުވެސް ކޮއްޕާ ސައިކަލުން ވައްޓާލީ ޖާގަ ދެއްކުމަށް ކުޑަކޮށް ލަސްވީކަމަށްޓަކައެވެ.

އެޒުވާނުން މަޖީދީމަގަށް ނިކުމެ ބާރަށް ސައިކަލުގައި އައުގުރާނަ ގޮވަމުން ވަޅިކަތިވަޅި އަތުން ހިފައިގެން ދިޔަތަން ފެނުނު ކޮންމެ މީހަކަށް އެޒުވާނުންގެ ބާރުވެރިކަން އޮތީ ކިހާ މިންވަރަކަށްކަން އަންދާޒާ ކޮށްލެވޭނެއެވެ. "ގަޓު" ހުރި ޒުވާނުން ކުރިމަތީގައި އާންމުން ރައްޔިތުން ރަނގަޅަށްވެސް "ސައިޒް" ވެފައި ތިބިތަން އެރޭ ފެނިގެން ދިޔައެވެ. މަޖީދީ މަގުން ގޮސް ހެންވޭރުކޮޅުން އެޒުވާނުން ގޮސް އޮބާލަންދެން ދިމާވި ހުރިހާ އެންމެން ތިބީ ސައިޒްވެފައެވެ.

މިއީ އެރޭ ކަންތައް ހިނގާދިޔަގޮތެވެ. މިލިޔެވުނީ އިންސާނެއްގެ ފުރާނަ ދުއްވާލި ބިރުވެރި ހާލަތެއްގެ ވާހަކައެވެ. މިމަންޒަރު ފެނުނު މީހުން ހިތުތެރޭގައި އުފެދުނު ބިރުވެރިކަން އޮތީ ހިތުތެރޭގައެވެ.

ހަފްތާއެއްގެތެރޭ 02 މީހަކު މަރާލެވި، އެތައް ބައެއްގެ ގަޔަށް ވަޅިހަރާ ތަނެއްގައި އުޅޭ ރައްޔިތުން ބިރުގަންނަވަން ބަޔަކު ކުރާނެ އިތުރު ކަމެއްނެތެވެ. ކަމެއް ހިނގާދިޔަ ބިރުވެރިގޮތުގެ ވާހަކަ ލިޔުމުން އެއީ ރައްޔިތުންގެ ހިތުތެރޭގައި ބިރުވެރިކަން އުފައްދަނީ ކަމަށް ބެލެވޭނެ އެއްވެސް ހަމައެއްނެތެވެ. އެވާނީ ރައްޔިތުންގެ ހިތުތެރޭގައި އުފެދިފައިވާ ބިރުވެރިކަމުގެ ވާހަކަ ލިޔުނީކަމުގައެވެ. ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ފަސް މީހަކަށް ހަމަލާ ދީފައިވާ އިރު ދެ މީހަކު ވަނީ މަރާލައިފަ އެވެ.

މަރުވި ދެ ޒުވާނުން މަރާލުމާ ގުޅިގެން މިހާތަނަކަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނެތްކަން އާންމު ރައްޔިތުންނަށް އެނގުން މުހިންމެވެ. އެއީ މުޖުތަމައު ތެރޭގައި ލާއިންސާނީ ޢަމަލު ހިންގާ މުޖުރިމުން މިނިވަންކަންމަތީ ތިބިކަން އެނގުމުން އާންމުންނަށް ރައްކާތެރިވާން ފިޔަވަޅު އަޅަންވެސް އެނގޭނެތީއެވެ. އެއީ އާންމުންގެ ހިތުތެރޭގައި ބިރުވެރިކަން އުފެއްދުމެއް ނޫނެއެވެ.