މުނިފޫހިފިލުވުން

އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ

"އާޝިގީ" ފަދަ ފިލްމްތަކުން ފެނިފައިވާ އެމެރިކާ ދަރިކޮޅުގެ ބޮލީވުޑްގެ ދުވަސްވީ މަޝްހޫރު އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިކަން ޓޮމް، 67، ގެ ދަރިފުޅު ޖެމީ އޮލްޓާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ ބައްޕަ މިހާރު ހުރީ ހަތަރު ވަނަ ސްޓޭޖްގައި ކަމަށެވެ. އެހެން ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ދާދި ފަހުން ވަރަށް ބޮޑަށް ބަލިވެގެން ޓޮމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ކުރީގެ ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ޒުބާން ސަމާލްކޭ" އިން އާންމުންގެ ސަމާލުކަން ހޯދި ޓޮމް ވަނީ ހިންދީ ވަރަށް ގިނަ ފިލްމްތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. ހިންދީ ފިލްމްތަކުގައި އޭނާ ބޮޑަަށް ކުޅެފައި ހުރީ ނެގަޓިވް ރޯލްތަކެވެ.

ޓީމްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި ބޭޖާ ފްރައި (2007)، ވީރް-ޒާރާ (2004) އަދި ޕަރިންދާ (1989) ފަދަ ފިލްމްތައް ހިމެނެ އެވެ.

އިންޑިއާ ސަރުކާރުން 2008 ގައި ޕަދްމަ ޝްރީ އެވޯޑް ވެސް އަރުވާފައިވާ ޓޮމް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މި އަހަރުގެ މެއި މަހު ރިލީޒް ކުރި "ސަރްގޯޝިޔާ" އެވެ.