އައްޑޫގެ ފެނުގެ އަގު ކަނޑައަޅާފައި ވަނީ ފެނުގެ ހިދުމަތް ދޭ އެހެން ރަށްރަށުގައި ވެސް ހިދުމަތް ދޭ އަގުތަކާ އެއްގޮތަށް ތިން ބޭންޑަކަށް ބަހާލައިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހް ވިދާޅުވީ އައްޑޫގެ ފެނުގެ އަގު ކަނޑައަޅާފައި ވަނީ ދުވާލަކަށް 100 ލީޓަރާ ހަމައަށް ފެން ބޭނުންކުރާ ގެތަކަށް ޔުނިޓަކަށް 65ރ. އާއި 101-200 ލީޓަރާ ހަމައަށް ދުވާލަކަށް ފެން ބޭނުން ކުރާ ގެތަކަށް ޔުނިޓަކަށް 75ރ. އަދި 200 ލީޓަރުން މަތިން ދުލާވަކަށް ބޭނުން ކުރާ ގެތަކަށް ޔުނިޓަކަށް 100ރ. ޗާޖް ކުރާ ގޮތަށް ކަމަށެވެ.
މި ރޭޓްތަކުގައި ބިލް ކުރަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.
"އަޅުގަނޑުމެން ބިލް ކުރަން މި ފަށަނީ ގާތްގަނޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަހު ހިލޭ ފެން ދޫކުރުމަށް ފަހު،" ނަޖާހް ވިދާޅުވި އެވެ.
ފެނަށް ބިލް ކުރަން ފަށާ އިރު، އައްޑޫގެ އަގުތައް މާލެ އަށް ވުރެ ތިންގުނަ ބޮޑު ކަމަށް ބުނެ ބައެއް މީހުން މިހާރު ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފެނަކައ އިން ބުނީ އައްޑޫގެ ބައެއް ސަރަހައްދުތަކަށް ފެން ލިބުމުގައި ޕްރެޝަރު ދަށްވާތީ، އެ ސަރަހައްދުތަކުގައި ބޫސްޓަރު ހަރުކޮށްގެން އެކަން ހައްލު ކުރަން މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.