Last Updated: April 23, 14:45
Tuesday, April 23, 2024
ޚަބަރު

މުޖުމަތައު ތެރެއިން: މިއީ ކޮން ހުޅުގަނޑެއް؟

އާންމު ރައްޔިތުން ކަންބޮޑުވާ ކަންކަން މުޖުތައު ތެރެއިން ބައެއް މީހުންގެ ފަރާތުން ފެނުމަކީ އާންމު ކަމެކެވެ. ހިތް ނުރުހޭ ކަހަލަ ކިތަންމެ ކަމެކެވެ. މިސާލަކަށް ޖެހުނު ތަނަކަށް ކުނި އެޅުމާއި ޓްރެފިކް ގަވައިދަށް އަމަލު ނުކުރުން ފަދަ ކަންކަން އައްޑޫން ފެނުމަކީ ވަރަށް އާންމު ކަމެކެވެ.

މިފަދަ ކަންތަކުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ. ބައެއް ފަހަރަށް އެފަދަ ކަންތައް ކުރެވެނީ އެއީ މާ ބޮޑު ކަމެއް ކަމަށް ގަބޫލުނުކުރެވޭތީއެވެ.

މި ފަހަރު ވެސް ހަމަ ކަންބޮޑުވާން ޖެހޭ ކަހަލަ ކަމެއްގެ ވާހަކަ އެވެ. ފޭސްބުކްގައި މީހަކު ރޭ ޕޯސްޓް ކުރި ފޮޓޯތަކެއްގައި ފެންނަނީ ކަރުދާސް ފޮށިގަނޑުތަކެއްގައި އަލީފާން ރޯކޮށްފައިވާ ތަނެކެވެ. މިއީ މީހަކު ކަރުދާސް ފޮށިގަނޑު ތަކެއްގައި ރޯކޮށްލި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ދެން މައްސަލައަކީ ކޮބައޯ ހެއްޔެވެ؟ މައްސަލައަކީ މިއެވެ. ފޮޓޯތައް ޕޯސްޓް ކުރި މީހާގެ ވާހަކަ ކަންބޮޑުވުމަކީ މިއީ އެވެ؛

"މީ މިރެއި [ހިތަދޫ] މޫލެކެޑަ ވިޔަފާވެރިޔަކާ ފިހާރަ ނިންމަލާއި ގޮސް ކުނި ނެއްތި ގޮއް. މިކަހަލައި ކަންތައްމި ގޮތަށް ކެޑުމަކީ އާންމުންނަށްވޭ އުނދަގުލަށްކަން ނިއެގައި. ވަރަށް ދެރަ ކަމެއް ކަމެއް މީ. މިކަން ހުއްޓުވާއް އެންމެންގެ އެއްބާރުލުން ބޭނުން،" އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންނާއި އެމްއާރްޑީސީ ޓެގްކޮށް ޕޯސްޓްގައި ލިޔެފައިވެ އެވެ.

މިއީ މީހަކު ކަރުދާސް ފޮށިގަނޑު ތަކެއްގައި ރޯކޮށްލި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެކަން މައްސަލައަކަށް ވަނީ ކޮންމެ މީހަކު އަތު ޖެހުނުތަކަށް ކުނި އުކަން ކުނި އަންދަން ފެށުމުންނެވެ.

އައްޑޫގައި ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން އަންނަ އިރު ވިޔަފާރިވެރިޔާއަ ށް ވެސް އެ ޚިދުމަތަށް އެދުމުގެ ފުރުސަތު އެބަ އޮތެވެ. ނުވަތަ އަމިއްލަ އަށް ގޮސް ކުނިކޮއްޓަށް ކުނި އުކާލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އެހެންވެ ކުރަން އޮންނަ ގޮތަށް ކަންކަން ކުރަން އާދަކުރާށެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ފަދައިންނެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.