Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކޮށް ދޭން އެދުނު!

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ، ސ.ހިތަދޫ މަރުކަޒީ އިންޖީނުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް ދިނުމަށް ފެނަކަ އައްޑޫ އޮފީހުން އެދިފައިވާ ކަން 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ އައްޑޫ އޮފީހުން މިގޮތަށް އެދިފައިވަނީ، ފާއިތުވި ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު އައްޑޫގެ ހާލަތު ބެލުމަށް އައި ޕީޕީއެމްގެ ވަފުދަކާ ހަވާލުކުރި ރިޕޯޓެއްގަ އެވެ.

"ސ.ހިތަދޫގެ ކަރަންޓުގެ ހާލަތު ހުރިގޮތުގެ މައުލޫމާތު" ނަމުގައި ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގެ ކޮޕީއެއް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ. އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އައްޑޫ މަރުކަޒީ އިންޖީނުގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި، އަދި އޭރު ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުރި މުހައްމަދު ޒުހެއިރު އެވެ.

ކަރަންޓުގެ ހާލަތު ބަޔާންކޮށް ރިޕޯޓް ހުށަހެޅިތާ މާގިނަ ދުވަހެއް ނުވެ އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިއަދު މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، ޒުހައިރު ވަޒީފާއިން ވަކިކުރީ 65 އަހަރު ވުމުން ރިޓަޔަރމަންޓް އުސޫލުން ކަމަށެވެ.

އެހެން ނަމަވެސް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ޒުހައިރު އަށް 65 އަހަރެއް ނުވެއެވެ. އަދި މީގެ އިތުރުން ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރުންގެ ގޮތުގައި ޒުހައިރު އަށް ވުރެ ދޮށީ އުމުރުގެ ބޭފުޅުން އެބަތިއްބެވިއެވެ.

ސްޓެލްކޯގެ ދަށަށް އައްޑޫގެ މަރުކަޒީ އިންޖީނުގެ ބަދަލުކުރުމަށް އެދުނު ރިޕޯޓްގައި އެ އިންޖީނުގެ އަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން މަރުކަޒީ އިންޖީނު ގޭގައި ހުރި ޖަނެރޭޓަރުތައް ސަރވިސް ނުކުރެވޭ ވާހަކަ އާއި، ފެނަކަ ހެޑް އޮފީހުގައި އެދިގެން ވެސް ޖަނެރޭޓަރު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ނުލިބޭކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ތަކެތި ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. އަދި އެތަކެތި ފޯރުކޮށްދީފި ނަމަ، މަހެއްހާ ދުވަހުގެ ތެރޭގައި ބައެއް މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ފެނަކަ އައްޑޫ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ބުނި ގޮތުގައި ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫއަށް އައި ޓީމުގެ ފަރާތުން މި ރިޕޯޓާއި ހަވާލުވެފައި ވަނީ، ހިތަދޫއަށް ނިސްބަތްވާ ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރ މުއާޒް ހަލީމެވެ.