Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: ގާނޫނަކަށް ކަމޭހިތުމުގެ ރޫހެއް ނެތް!

އައްޑޫ ލިންކް ރޯޑްގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އަޅަން ޖެހުމަކީ ކުރަން ޖެހޭ ކަމެއްކަން ނޭނގޭ މީހަކު އައްޑޫގައި ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އަނެއްކޮޅުން މިއީ ގާނޫނީ ލާޒިކްމޮށްފައި އޮތް ކަމެކެވެ. އެކަން އެގޮތަށް ނުކުރާ ނަމަ އެ ކުރެވެނީ ގާނޫނީ ކުށެކެވެ. އަދަބު ވެސް ދެވަން ޖެހޭނެ އެވެ.

އެކަމަކު ސުވާލަކީ ދުއްވާ އިރު ހެލްމެޓް އަޅަން ހަނދާން ހުރޭތޯ އެވެ؟ މައިންބަފައިން ދަރިންނަށް އެކަން ދަސްކޮށްދޭ ތޯ އެވެ؟ އެ ހަނދާންކޮށް ދޭތޯ އެވެ؟ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ތަރުބިއްޔަތުކޮށް ދޭތޯ އެވެ؟

ކަންބޮޑުވާ ކަމަކީ އެ މަންޒަރު ބައެއް މީހުންގެ ފަރާތުން ނުފެންނާތީ އެވެ. އެހެރެ ފޮޓޯ އަށް ނަޒަރު ހިންގައިލާށެވެ. ބެލެނިވެރިއަކު އެ ދަނީ އޭނާގެ ދަރިފުޅު ސައިކަލްގެ ފަހަތަށް ލައިގެން ސްކޫލަށް ގެންދާށެވެ. ދުއްވަން އިން މީހާ ހެލްޓެމެޓް އަޅައިގެން ހުއްޓަސް ދަރިވަރު އިނީ ހެލްމެޓް ނާޅަ އެވެ. އެއީ ކުށެކެވެ. މަނާ ކަމެކެވެ.

މި ފޮޓޯ ފޭސްބުކްގައި ހިއްސާ ކުރި މީހާގެ ވާހަކައަކީ މިއެވެ؛ "ކޮއްޔާ ބޮލެ ހެލްމެޓާ ނިއެޑުވައި ސައިކަލާން ލިންކާ އިން ގޮސް ސްކޫލަށް ވެދުވިމައި މި ޖެހެނީ ކޮން ތާކި؟"

މިހެން މިކަން ކުރާ ނަމަ ގެއްލުމެއްވީމާ އެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ބެލެނިވެރިޔާ ހެއްޔެވެ؟ ސްކޫލް ހެއްޔެވެ؟ ފުލުހުން ހެއްޔެވެ؟ ދުއްވި މަގު ހެއްޔެވެ؟ މިހިރީ ހައްތާ ވެސް ސުވާލެވެ.

ޔަގީންވާ ކަމަކީ ބެލެނިވެރިންނާއި މައިންބަފައިންގެ ޒިންމާގައި އިހުމާލުތަކެއް ހުރި ކަމެވެ. މިކަހަލަ ކަންކަން މިގޮތަށް ކުރާ ނަމަ ދަރިންނަށް އެ ދަސްކޮށް ދެވެނީ ކޯޗެއް ހެއްޔެވެ؟ ސްކޫލަށް ގެންގޮސް އެ ކިޔަވައިދޭ އެއްޗެއްގެ ފުރިހަމަ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ފުންކޮށް ވިސްނާލާށެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.