Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކުށް ކުރަނީ އަދަބެއް ނުލިބޭނެކަން އެނގޭތީ: އެމްޑީޕީ

ރާއްޖޭގެ މަގުމަތީގައި އެއްވެސް ބިރެއް ނެތި ކުށްކުރަނީ ކުށްވެރިންނަށް ފިޔަވަޅެއް ނޭޅި މިނިވަންވާނެ ކަން ޔަޤީންވާތީ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ގާނޫނީ ވަކީލު މަހްފޫޒު ސައީދަށް ދިން މަރުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ކޯޓުން ސިއްރިޔާތުގައި މިނިވަން ކުރިކަމަށް ޚަބަރުލިބި، އެމްޑީޕީން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަހްފޫޒަށްވެސް މަރުގެ ހަމަލާ ދީފައިވަނީ މާލޭގެ މައި މަގެއްގައި މީހުންގެ ކުރިމަތީގައި ރޯމާ ދުވާލު ކަމަށެވެ.

އަދި މިފަދަ ކުށްތައް އިތުރުވެގެން ގޮސްފައިވަނީ މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭނެކަމުގެ ޔަގީންކަން އެފާތްތަކަށް އޮންނާތީ ކަމަށް ގިނަ ރައްޔިތުން ދެކޭ ކަމަށާއި މަހްފޫޒަށް ހަމަލާދިން މީހުން ދޫކޮށްލުމުން އެކަން ޔަގީންވެފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މަހްފޫޒަށް ހަމަލާދިނުމުގައި ބައިވެރިވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން ހޯދައި، ހައްޔަރުކޮށްފައިވާއިރު ތިން މީހުންނަށްވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހާފައެވެ. އަދި ހަތަރުވަނަ މީހާ މިހާތަނަށްވެސް ހޯދިފައިނުވާކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މާލޭގައި ހިނގާ ގްރޫޕް މާރާމާރީތައް އިތުރުވެފައިވާއިރު ދާދިފަހުންވެސް ވަނީ ހުޅުމާލޭގައި ޒުވާނަކު މަރާލާފައެވެ. އަދި އޭގެ ކުރިން ކައިރި ކައިރީގައި މާލޭގައި ދެމަރު ވަނީ ހިނގާފައެވެ. ފުލުހުން ބުނެފައިވަނީ ޖުލައި 31 ވަނަ ދުވަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ، ފެންފިޔާޒްގެ މުހައްމަދު އަނަސް މަރާލާފައިވަނީ ގާތިލުންނަށް އޮޅިގެން ދެވުނު ހަމަލާއެއްގައި ކަމަށެވެ.