Last Updated: April 25, 20:50
Thursday, April 25, 2024
ރިޕޯޓް

މި ލޯގަނޑު ކެންސަރު މީހުންނަށް ހާއްސަ!

ބޮޑު ބައްޔެއް ޖެހިފައިވާ ނަމަ، އެފަދަ މީހެއްގެ މޫނުމަތިން އުފާވެރިކަން ގެއްލި ތުންފަތްމައްޗަށް ހިނިތުންވުން ނައުމަކީ ވެދާނެ ގޮތެކެވެެ. ހާއްސަކޮށް ކެންސަރު ފަދަ ބޮޑު ބައްޔެއް ޖެހިފައިވާ ނަމަ، އެފަދަ މީހަކު އަބަދު ވެސް ފެންނާނީ ވަރަށް މާޔޫސްކޮށް ހުއްޓަ އެވެ.

އެކަމަކު ބައްޔަކާ ހަނގުރާމަ ކުރުމަކީ ތިމާ އަބަދު ހިތާމައިގެ އުޅެން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި މިއީ ތިމާގެ މޫނުމައްޗަށް ހިނިތުންވުން ނާންނަންވީ ސަބަބެއް ވެސް ނޫނެވެ.

ކެންސަރު ޖެހިފައިވާ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ މޫނުބަލާ ލޯގަނޑުން މިހާރު ކޮންމެހެން ވެސް ހިނިތުންވުން ގެނުވާނެ އެވެ. ސަބަބަކީ ތިމާގެ މޫނު އެއިން ފެންނަން ފަށާނީ ހިނިތުންވެއްޖެ ނަމަ އެވެ.

އެމެރިކާގައި ވިޝުއަލް އާޓްސް ދާއިރާ އިން މާސްޓާޒް ޑިގްރީ ނަގާފައިވާ ތުރުކީގެ ޒުވާނެއް ކަމަށްވާ ބާކް ހިލްއަމްގެ ސިކުނޑިން ދިޔަ ފިލައިގެން އަދު ވަރަށް ލިމިޓެޑް އަދަދަކަށް އުފެއްދި މި ލޯގަނޑު މިހާރު 2،000-3،000 ޑޮލަރަށް ގަންނަން ލިބޭނެ އެވެ.

ބާކް ބުނި ގޮތުގައި ހިނިތުންވީމާ މީހާގެ ސިފަ ފެނޭ ލޯގަނޑު އުފެއްދުމުގެ ހިޔާލު އޭނާ އަށް އައީ އާއިލާގެ މީހަކަށް ކެންސަރު ޖެހި، އޭނާގެ ދިރިއުޅުމަށް އައި ބަދަލާއި މޫނުމަތީގެ އުފާވެރިކަން ގެއްލިފައިވާ ތަން ފެނުމުން ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދަން ކުރި މަސައްކަތުން ވުޖޫދަށް ގެނައި ލޯގަނޑަކީ މިހާރު ކެންސަރު ބަލީގެ ޝިކާރަކަށްވެފައިވާ ކޮންމެ މީހަކަށް އުފާވެރިކަން ގެނުވައި ދޭނެ އެެއްޗެކެވެ.

ޓެބްލެޓެކާ ވައްތަރުކޮށް ފަރުމާކޮށްފައިވާ މި ލޯގަނޑު މޭޒުމަތީގަ އާއި ފާރުގައި ހަރުކޮށްލައިގެން ވެސް ބޭނުންކޮށްލެވޭނެ އެވެ.

"އަަހަރެން ގަބޫލު ކުރާ ގޮތުގައި ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނުމަކީ މީހާގެ ފިކުރުތައް ދުރުކޮށްލަދީ، އުފާވެރި މީހެއްގެ ގޮތުގައި ހުންނަން ބާރު އަޅައި ދޭނެ ކަމެއް،" ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބާކް ބުންޏެވެ.