ޚަބަރު

މަރަދޫފޭދޫ އެސްޓީއޯގެ ފުޓްސަލް މުބާރާތް އަންނަ މަހު

އެސްޓީއޯ މަރަދޫފޭދޫ ފިހާރައިން އިންތިޒާމްކޮށްގެންވާ ފުޓްސަލް މުބާރާތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެތަނުގެ އޮފިޝަލަކު މިއަދު "އައްޑޫ ލައިވް" އަށް ބުނީ އަންނަ މަހުގެ 1 ގައި ފަށާ މުބާރާތަކީ އައްޑޫގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތުން 12 އޮފީހަކަށް ފުރުސަތު ދޭން ނިންމާފައިވާ އިރު، ބައިވެރިވާން ޝައުގުވެރިވާ އޮފީސް/ކުންފުނިތަކަށް މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

"ހުރިހާ އޮފީސްތަކާއި ކުންފުނިތަކަށް އަޅުގަނޑުމެން މިހާރު ވަނީ ލެޓަ ފޮނުވާފައި. އެހެންވީމާ ބައިވެރިވާން ބޭނުން ނަމަ އެކަން އެންގުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް އޮންނާނެ،" އޮފިޝަލް ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން 3،000ރ. ފީއެއް ދައްކަން ޖެހެ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7775594 އިން ލިބޭނެ އެވެ.

ފޭދޫ ފުޓްސަލް ދަނޑުގައި ރޭގަނޑު މެޗްތައް ކުޅޭ މި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 1-15 އަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާ އިރު، ރަނަ-އަޕް ޓީމަށް 10،000ރ. ލިބޭނެ އެވެ.

މަރަދޫފޭދޫ އެސްޓީއޯ އިން މީގެ ކުރިން ވެސް ފުޓްސަލް މުބާރާތްތަކެއް ބާއްވާފައިވެ އެވެ.