Last Updated: April 18, 22:36
Friday, April 19, 2024
ދުނިޔެ

އަލް ވަލީދު ލަގްޒަރީ ދެ ހޮޓާ ވިއްކާލަނީ

ސައުދީ ޕްރިންސް އަދި ބިލިއަނަރެއް ކަމަށްވާ އަލް ވަލީދު ބިން ތަލާލް މަތީފެންވަރުގެ ދެ ހޮޓާ ވިއްކާލުމަށް ނިންމަވައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް މުއްސަނދި އެކަކު ކަމުގައިވާ އަލް ވަލީދު ލުބުނާނުގައި ހިންގަމުން އައި އެންމެ މަތީފެންވަރުގެ މި ދެ ޓުއަރިސްޓް ހޮޓާ ވިއްކާލަން ނިންމެވިއިރު އަލް ވަލީދު ހުންނެވީ ސައުދީގައި ބަންދުކުރެވިފައެވެ.

މިޑިޔާ ރިޕޯޓްތައް ބުނާގޮތުން އަލް ވަލީދު ވިއްކާލުމަށް ނިންމާފައިވަނީ ބެއިރޫތުގައި ހުންނަ މޫވް އެން ޕިކް ހޮޓަލާއި ފޯސީޒަންސް ހޮޓަލެވެ. އަދި މިހާރު މި ދެ ހޮޓާ ވިއްކާލުމަށް ކުރަންޖެހޭ މަސައްކަތްތައް ބޭންކްއަކާ ހަވާލުކޮށްގެން ކުރިއަށްދާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެނގިފައިވާގޮތުން އަލް ވަލީދު ވަނީ މިދިޔަ ހަފްތާގައި ޓްވެންޓީ ފަސްޓް ސެންޓުރީ ފޮކްސް ގައި އޮންނަ ފަސް ޕަސެންޓް ހިއްސާވެސް ވިއްކަވާ ލައްވާފައެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާލް ސައުދު އިިސްވެހުންނަވައިގެން އުފައްދަވައިފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އަލް ވަލީދު ހިމެނޭގޮތަށް މިހާތަނަށް 11 ޕްރިންސަކާއި ހަތަރު މިނިސްޓަރެއް ހައްޔަރުކޮށް 1700 އަށްވުރެގިނަ ބޭންކް އެކައުންޓް ފްރީޒްކޮށްފައެވެ.

އަލް ވަލީދަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޕަލް، ސިޓީ ގްރޫޕް، ޓްވެންޓީ ފަސްޓް ސެންޗަރީ އަދި ޓްވިޓާގައި ހިއްސާ އޮންނާ ބޭފުޅެކެވެ.