Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ނަޝީދަށް ވާދަ ކުރެވޭނެކަމާ މެދު ޝައްކެއް ނުކުރަން"

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު ހަސަން ލަތީފް ހައި ކޯޓުގެ އަޑުއެހުމަކަށް ފަހު އެ ކޯޓުގެ ބޭރުގައި. ފޮޓޯ: ސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާއި މެދު ކުޑަކޮށް ވެސް ޝައްކެއް ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެވެ.

"ރައީސް ނަޝީދު މިނިވަންވެ 2018ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމާއި މެދު އަޅުގަނޑު ކުޑަކޮށް ވެސް ޝައްކެއް ނުކުރަން."

ތިނަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، އިިދިކޮޅު އެންމެން ގުޅިގެން 2018ގެ އިންތިހާބުގައި ކާމިޔާބު ހޯދަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް އިންތިހާބަކީ ލިބޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ހޯދަން ނިކުމެ އަތުލަން ޖެހޭ އެއްޗެއް ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި 2018 ކާމިޔާބު ކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށެވެ. އަދި އެންމެ މުހިއްމު ކަމަކީ 2013 ގެ ރިޔާސީ އިންތިހާބުގައި ކަންތައް ހިނގާދިޔަ ގޮތް ދެނެގަތުން ކަމަށެވެ.