Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އަލިފާންގަނޑާ ހެދި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްފި

ދެކުނު ކެލިފޯނިއާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އަލިފާންގަނޑުގެ ސަބަބުން ރޭގަނޑުގެ ކަނު އަނދިރީގައި އެތައް ހާސް ބަޔަކަށް ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން ޖެހިއްޖެ އެވެ.

ލޮސް އެންޖެލިސްގެ އުތުރުން އޮންނަ ވެންޗޫރާ އާއި ސެންޓާ ޕޯލާގެ 8،000 އަށްވުރެ ގެތައް ހުސްކުރުމަށް ވަނީ އަންގާފައެވެ.

ފަޔާފައިޓަރުން އިންޒާރު ދީފައިވާ ގޮތުގައި އަލިފާންގަނޑު ދަނީ ވަރަށް އަވަހަށް ފެތުރެމުން ކަމަށާއި އެމީހުންނަށް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިފައިވާ ކަމަށެވެ.

މި އަލިފާންގަނޑު ރޯވެފައި ވަނީ އިއްޔެ ހަވީރު އެވެ. އަދި މިއަދު ހެނދުނާއި ހަމައަށް ގާތްގަނޑަކަށް 26،000 އޭކަރުގެ ސަރަޙައްދަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ.

އަލިފާންގަނޑުން ސަލާމަތްވުމަށްޓަކައި ފިލަން އުޅުނު މީހަކު މަގުމަތީ އެކްސިޑެންޓެއްގައި މަރުވެއްޖެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެ ސަރަޙައްދުތަކުގައި 260،000 އަށްވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

އިމާޖެންސީ މަސައްކަތު މީހުން ދަނީ ގެއިން ގެއަށް ގޮސް ގެތައް ދޫކޮށްލުމަށްފަހު ސަލާމަތީ ސަރަޙައްދުތަކަށް ބަދަލުވުމަށް މީހުންނަށް އަންގަމުންނެވެ. މީގެ އިތުރުން އެތައް ސަތޭކަ ފަޔާފައިޓާއިން ދަނީ ގެދޮރާއި އިމާރާތްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެކިއެކި ސްކޫލްތަކާއި އާންމު ތަންތަނުގައި އިވެކުއޭޝަން ސެންޓަރުތައް ވަނީ ހުޅުވާފައެވެ.

ދާދިފަހުން ކެލިފޯނިއާގައި ވަނީ މިފަދަ އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައެވެ.