މުނިފޫހިފިލުވުން

ޝްރަދާ އާއި ރާޖްކުމާރުގެ ޖޯޑް ސްކްރީނަށް

ޝްރަދާ ކަޕޫރާއި ރާޖްކުމާރް ރާއޯގެ ޖޯޑް ސްކްރީނުން އެކުގައި ބަލާލަން ބޭނުންވާ މީހުން ދެން މާ ގިނަ ދުވަހަކަށް އިންތިޒާރު ކުރާކަށް ނުޖެހޭނެ އެވެ. ހުނަރުވެރި މި ދެ ތަރިން މިހާރު ވަނީ އެއް ފިލްމަކަށް ސޮއިކޮށްފަ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒް ކުރި "ރާބްތާ" ގެ ޑައިރެކްޓަރު ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ރާޖް އެންޑް ޑީކޭ ޑައިރެކްޓް ކުރާ ހޮރޯ ކޮމެޑީއެކެވެ. ފިލްމްގެ ނަން އިއުުލާންކޮށް ނުވާ އިރު، މީގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ތާވަލްކޮށްފަ އެވެ.

ރާޖް އެންޑް ޑީކޭ އެންމެ ފަހުން ގެނެސް ދިނީ މި އަހަރު ރިލީޒް ކުރި "ދަ ޖެންޓްލްމަން" އެވެ.

މި ފަހަކަށް ވެސް ވަރަށް މޮޅެތި ފިލްމްތައް ކުޅެމުން އަންނަ ރާޖްކުމާރްއާ އެކު، މަސައްކަތްކޮށްލަން ލިބުމުން ޝްރަދާ އެކަމާ އުފާކޮށް ޓްވީޓް ވެސްކޮށްފަ އެވެ.

"ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްއާ އެކު މިހާރު "ސާހޯ" ކުޅެމުން އަންނަ ބަތަލާ ބުނީ އޭނާގެ އެންމެ ފެވަރިޓް އެއް އެކްޓަރާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

ރާޖްކުމާރްގެ ފިލްމް "ނިއުޓަން" އިންޑިއާ އިން މި އަހަރު އޮސްކާ އަށް ވާދަ ކުރާ ފިލްމަކަށް ހޮވިފައިވާ އިރު، އޭނާ މިހާރު އަންނަނީ އައިޝަވާރިޔާ ރާއީއާ އެކު "ފެނީ ހާން" ގެ މަސައްކަތް ކުރަމުންނެވެ.

ޝްރަދާއާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމުން ރާޖްކުމާރް ވެސް ވަނީ ޓްވިޓާގައި އެކަމުގެ އުފާ ފޭނުންނާ ހިއްސާކޮށްފަ އެވެ.