މުނިފޫހިފިލުވުން

ރަންވީރާއި ރޯހިތުގެ ފިލްމަކީ "ސިމްބާ"

މީގެ ދުވަސްކޮޅެއް ކުރިން ރަންވީރް ސިންގް ލީޑް ރޯލަށް ލައިގެން ފިލްމެއް ހަދަން އުޅޭކަން "ގޯލްމާލް" ގެ ޑައިރެކްޓަރު ރޯހިތު ޝެޓީ އޮތީ ކަށަވަރުކޮށް ދީފަ އެވެ. މިހާރު މިއޮތީ އެ ފިލްމްގެ އެންމެ ފަހުގެ ހަބަރުތަކެވެ.

ކުރިން ވެސް ބުނެފައިވާ ގޮތަށް މި ފިލްމަކީ 2015 ގައި ރިލީޒް ކުރި ތެލެގޫ ފިލްމް "ޓެމްޕާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ރަންވީރު ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމަށް ދީފައިވާ ނަމަކީ "ސިމްބާ" އެވެ. އެއީ ފިލްމްގައި އޭނާ ކުޅޭ ކެރެކްޓާ ސަންގަރާމް ބަލެރާއޯ އަށް ކުރުކޮށް ކިޔާ ގޮތެވެ.

"ސިމްބާ" އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާއި ރިލަޔަންސް އެންޓަޓައިންމަންޓާއި ރޯހިތު ޝެޓީ ޕިކްޗާޒް ގުޅިގެން ހަދާ ފިލްމެކެވެ.

ފިލްމްގެ ފުރަތަމަ ޕޯސްޓަރާ އެކު، ފިލްމް ރިލީޒް ކުރާ ތާރީހު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ރަންވީރު މިހާތަނަށް ކުޅޭ އެންމެ ކޮމާޝަލް ފިލްމްގެ ގޮތުގައި ސިފަ ކުރެވޭ "ސިމްބާ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 28، 2018 ގަ އެވެ.

މި ފިލްމްވެގެން ދާނީ ރަންވީރު ކުޅޭ ދަރްމާގެ ފުރަތަމަ ފިލްމަށެވެ. އަދި ރޯހިތު އެ ޕްރޮޑަކްޝަން ހައުސް އަށް ޑައިރެކްޓްކޮށްދޭ ފުރަތަމަ ފިލްމަަށް ވެސް މެ އެވެ. މީގެ ކުރިން ކަރަން އާއި ރޯހިތު ވަނީ ކުރީގެ ފިލްމެއް ކަމަށްވާ "ރާމް ލަކަން" ގެ ރައިޓްސް ގަނެ، އެ ފިލްމް ހަދަން މަސައްކަތްކޮށްފަ އެވެ.

ރަންވީރު މީގެ ކުރިން ރޯހިތުގެ ފިލްމެއްގައި މަސައްކަތް ނުކުރި ނަމަވެސް ޓީވީ ކޮމާޝަލްއެއްގައި އެ ދެ މީހުން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

ރަންވީރްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އާއި ޒޯޔާ އަހްތަރުގެ "ގުލީ ބޯއި" ގެ އިތުރުން ކަބީރް ހާންގެ "83" ހިމެނެ އެވެ.