Last Updated: May 2, 15:21
Thursday, May 2, 2024
ރިޕޯޓް

ނިދި މަދުވާ ނަމަ ޑިޕްރެޝަނަށް ހިނގައި ދާނެ

ތަޖުރިބާކާރުން އަބަދު ވެސް ބުނާ ވާހަކައެއް އޮވެ އެވެ؛ ރޭގަނޑު މަދުވެގެން އަށް ގަޑިއިރުގެ ނިދި ފުރިހަމަ ކުރަން ވާނެ އެވެ. އެހެން ނޫން ކަމަށްވާ ނަމަ، ތަފާތު މައްސަލަތައް ކުރިމަތިވާނެ އެވެ.

ފަހުގެ ދިރާސާއެއްގައި މިހާރު ބުނަނީ މިހެންނެވެ؛ ރޭގަނޑު މަދުވެގެން އަށް ގަޑިއިރަށް ވުރެ މަދުން ނިދި ލިބޭ ނަމަ ޑިޕްރެޝަނަށް މީހާ ހުށަހެޅި ދާނެ އެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ނިދަން އޮންނަ ވަގުތަށް ނިދި ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ދިރާސާގައި ބުނާ ގޮތުން ނިދި މަދުވުމާ އެކު، މީހާ ޑިޕްރެޝަނަށް ހުށަހެޅި އާންމު ދިރިއުޅުން އެފުށްމިފުށަށް ޖަހައިލާނެ އެވެ. އަދި އޭގެ ސަބަބުން ސިކުނޑި އާއި ހަށިގަނޑަށް ލޮޑުކަން ކުރިމަތިވެ، ހާސްކަމާއި ފިކުރުގެ ތެރެއަށް މީހާ ވައްޓައިލާނެ އެވެ.

"ނިދި މަދުވެ، ހާސްކަމުގެ ތެރެއަށް ދިއުމަކީ ނުތަނަވަސް ހިޔާލުތަކުގެ ތެރެއަށް ވެސް މީހާ ގަންބުވާލާނެ ކަމެއް،" ދިރާސާ ހެދި އެމެރިކާގެ ބިންގަމްޓަމް ޔުނިވަސިޓީގެ ޕްރޮފެސަރު މެރެޑިތު ކޯލްޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހާގެ މޫޑު ހަރާބުކޮށްލާ ކަހަލަ ފިކުރުތަކާއި ހާސްކަމުގެ ތެރެއަށް ދިއުމަކީ ޑިޕްރެޝަނާ އެކު، މީހާގެ އުފާވެރިކަން ވެސް ގެއްލި ދާނެ ކަމެކެވެ.

"އެހެންވެ މީގައި އެންމެ މުހިއްމު ކަމަކީ ކިތަންމެ ބިޒީކޮށް އުޅެން ޖެހުނަސް، ބަރާބަރަށް ނިދި ފުރިހަމަ ކުރުން،" މެރެޑިތު ވިދާޅުވި އެވެ.

ނިދި ފުރިހަމަވުމަކީ މީހާ ތާޒާކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ދުވަހުގެ ފެށުން ވެސް ރަނގަޅުވެގެން ދާނެ އެވެ. އަދި މަސައްކަތުގެ ރޫހު ވެސް އިތުރުކޮށް ދޭނެ އެވެ. ވީމާ ނިދަން ފަރުވާ ކުޑަ ނުކުރާށެވެ. އެކަމަށް ވަގުތު ދޭށެވެ.