Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ކެލިފޯނިއާގައި ފެންބޮޑުވެ 13 މީހަކު މަރުވެއްޖެ

ދެކުނު ކެލިފޯނިއާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 13 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައިވާ ގާތްގަނޑަކަށް 163 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 20 މީހުންނަށް އަނިޔާވެފައިވާއިރު، ހަތަރު މީހެއްގެ އަނިޔާތައް ސީރިއަސް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސެންޓާ ބާބަރާގެ އިރުމަތީގައި އޮންނަ ރޮމެރޯ ކެންޔަންގައި ގާތްގަނޑަކަށް 300 މީހުން ވަނީ ތާށިވެފައެވެ.

ފުލުހުން ބުނި ގޮތުގައި އެ ސަރަޙައްދު ހީވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ މައިދާނެއްހެން ކަމަށެވެ.

އިމާޖެންސީ ޚިދުމަތްތަކުން ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެތައް ހާސް މީހުންނެއް ވަނީ އެ ސަރަޙައްދުން ފިލާފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މޮންޓެސީޓޯގެ ބައެއް ގެތަކުގެ ފައުންޑޭޝަން ވެސް ވަނީ ހަލާކުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން ކެލިފޯނިއާގެ ގިނަ މަގުތައް ވަނީ ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފަ އެވެ.