ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި އަސްވާގް އައިސީޔޫގައި

ރޭ ފޭދޫ ލިންކް ރޯޑްގައި ބިދޭސީއެއްގެ ގައިގައި ސައިކަލް ޖެހިގެން ހިނގި ހާދިސާގައި، ސައިކަލްގައި ތިބި މީހުންގެ ތެރެއިން އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭނާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި ހިތަދޫ ގާދޫގޭ މުހައްމަދު އަސްވާގް، 18، ޒުވާނާގެ ބޯ ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ އާއި އެހެން މީހަކު ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ، ޖެހިފައި ވަނީ ލިންކް ރޯޑުން ހިނގާފައި ދިޔަ ބިދޭސީއެއްގެ ގައިގަ އެވެ. މި ހާދިސާގައި އޭނާގެ ބޯ ވެސް ފަޅައިގެން ގޮސް އަނިޔާވި އެވެ. އަދި ސައިކަލްގައި އިން އަނެއް މީހާ ވެސް ކުދިކުދި ޒަހަމްތައް ލިބިފައިވެ އެވެ.

މި ހާދިސާ ހިނގީ ރޭ 11:00 ޖަހަން އުޅެނިކޮށް ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތީގަ އެވެ.