Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކޭއާރްއެޗް ހަވާލު ކުރީ ނިމްސްއާ، ދިވެއްސަކާ ނޫން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ ވާހަކައަކީ ރައީސް ޔާމީނާ ހިސާބުން ފެށުނު ވާހަކައެކެވެ. ރައީސް ވިދާޅުވީ ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ހޮސްޕިޓަލް ތަރައްޤީ ކުރާ ވާހަކައެވެ. އަދި އެބަޔަކީ ކަމުގެ ގާބިލުކަން ހުންނާނެ ބައެއްކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. ބޭރުގެ ބައެއްގެ ވާހަކަ ފުރަތަމަ ދެކެވެން ފެށުނު ހިސާބަކީވެސް އެއީއެވެ.

އޭގެފަހުން ހެލްތް މިނިސްޓަރާ ބައެއް ސަރުކާރުގެ އިސް އޮފިޝަލުން ގެ ފަރާތުން އެގުނުގޮތުގައި ރައީސް ވިދާޅުވި ކޮންސެޕްޓަށް ކޭއާރްއެޗް ތަރައްޤީ ކުރުމަށް ސަރުކާރުން ހަވާލުކުރާ ބޭރުގެ ޕާޓީ އަކީ އިންޑިއާގެ މަޝްހޫރު ނިމްސް ހޮސްޕިޓާ ހިންގާ ފަރާތް ކަމެވެ. ފަހުން އެގޮތަށް ރަަސްމީކޮށް އިއުލާންކުރެވި، ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ހަވާލުކުރެވުނީ އާންމުކޮށް އެގިފައިވާގޮތުން ނިމްސް ހޮސްޕިޓަލާއެވެ.

ސަރުކާރުން ނިމްސް ހޮސްޕިޓާ ފަދަ ބަޔަކާ މިފަދަ ޕްރޮޖެކްޓެއް ހަވާލުކުރީ އެކަމުގައި ވަރަށްގިނަ ސަބަބުތަކެއް ހުރެގެންނެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިވެހިންގެ ބަޔަކު ނިމްސް އާ ގާތްކުރާ ހިސާބަށްވެސް ސިއްހީ ހިދުމަތުގައި ކުރިއަރާފައި ނެތުމެވެ. މިސަރުކާރުގައި ސިއްހީދާއިރާއަށް ބޮޑެތި ހެޔޮބަދަލުތަކެއް އައި ނަމަވެސް އަދިވެސް މިދާއިރާ ތަރައްޤީ ކުރަންޖެހިފައިވާ މިންވަރު ބޮޑުކަމީ ކަމުގެ ތަޖުރިބާކާރު ބަޔަކާ މިމަސައްކަތް ހަވާލުކުރުމުގެ އެންމެ މުހިންމު އެއް ބޭނުމެވެ.

މީީގެއިތުރުން ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އުތުރުގެ ތިން އަތޮޅަށް ހިދުމަތްކުރުމަށް 150 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގިނަ ހިދުމަތްތަކަކާއެކު ގާއިމުކުރެވުމަކީ ސަރުކާރަށް ލިބިގެންދާނެ ބޮޑު ކާމިޔާބީއެކެވެ.

ހޮސްޕިޓަލް ތަރައްޤީކުރުމުގައި ދިވެހި ވިޔަފާރިވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތްކަން އޭރު އާންމުންގެ ސަމާލުކަމަށް އައިސްފައެއް ނެ3ތެވެ. އާންމުންނަށް އެވާހަކަ އެނގުނީ ވަރަށްވެސް ފަހުންނެވެ. އެކަން އެހެން އޮތުމަކީ އޭގެޒާތުގައި ކޮންމެހެން މައްލައަކަށް ވަނީކީނޫނެވެ.

އެގިފައިވާ ގޮތުން ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ކުންފުނީގެ 20% ހިއްސާދާރަކީ އިދާރީކަންކަން ބެލެހެއްޓުމުގެ ޒިންމާ އެކަނިއޮތް ދިވެހި ވިޔަފާރިވެރިއެކެވެ. ހަމައެކަނި އިދާރީ ކަންކަން ބެލެހެއްޓުމަށް އެފަރާތާ ހަވާލުކޮށްފައިވަނީ ސިއްހީދާއިރާގެ ކަންކަން ބެލެހެއްޓުމަށް ނިމްސް އަށް ބަސްކިޔޭނެ ފަދަ ފަރާތަކަށް ނުވާތީކަމަށް ވެދާނެއެވެ. ނިމްސް އާ އެފަރާތާ ގުޅުނީ ކިހިނެއް ކޮންހިސާބަކުން ކަމެއް ސާފުނުވެއެވެ.

ނިމްސް އިން ކުންފުނީގެ ހިއްސާ ދިވެއްސަކަށް ދިނުމުގެ ސަބަބުން މިފަހަރު މިއޮތީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މިކަން ކުރުމަށް އުދަގޫތަކެއް ދިވެހިމިހާގެ ފަރާތުން އޮތްކަން ފާހަގަވެފައެވެ. އެއީކީ ސަރުކާރުގެ އިދާރާތަކުން މި މަސައްކަތަށް ދޭންޖެހޭ އެއްބާރުލުން ނުދީގެނެއްނޫނެވެ. ނޫނީ ސަރުކާރުން ހޮސްޕިޓަލް ތަރައްޤީކުރުމަށް އިހުލާސްތެރިކަމެއް ނެތިގެނެއްވެސް ނޫނެވެ.

ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި މިހާތަނަށް ފެންމަތިވެފައިވާ ވާހަކަތަކުން ދޭހަވަނީ ތަޖުރިބާކާރު ބޭރުބަޔަކާ ހަވާލުކުރި މަސައްކަތެއްގައި ދިވެހި ބަޔަކު ނާޖާއިޒް ފާއިދާތަކެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމެވެ.

އަދި ބޭނުން ހުރިހާގޮތަކަށް ކަންކަން ނުދާތީ ދިވެހިންގެ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް ދިވެހީންގެ ބަޔަކު ހުރަސް އަޅާކަމުގެ އިހުސާސެއް މިހާރު އެބަކުރެވެއެވެ. މިހެން ލިޔަންމިޖެހުނީ ނިމްސް މީހުންނަކީ ހޮސްޕިޓަލެއް ހިންގުމުގެ ޤާބިލުކަމެއް ނެތް ބައެކޭ ދިވެހި ޕާޓްނަރު މީޑިޔާގައި ވިދާޅުވި ހިސާބުންނެވެ.

މިމޭރުމުން ވާހަކަ ދެއްކެވި ބޭފުޅާއަށް ސާފުވެފައި ނެތީ ނިމްސް އަކީ ދިވެހިން ކިހާ ފަރިތަ ތަނެއް ކަމެވެ. އެތައް ހެކްޓަރުގެ ސަރަހައްދެއްގައި ، މުޅި ސައުތު އިންޑިއާގައިވެސް މަޝްހޫރު ހޮސްޕިޓަލެއް ހިންގަމުން އަންނަ ނިމްސް، ހޮސްޕިޓަލް ހިންގުމުގައި ހުރި ގާބިލުކަމަކީ އެއްވެސް ދިވެއްސަކު ޝައްކުކުރާނެ ޖާގައެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ބަޔަކަށް މިކުޑަކުޑަ ރާއްޖޭގައި ހޮސްޕިޓަލެއް ތަރައްޤީކޮށް ހިންގިދާނެކަމަށް ގަބޫލުނުކުރާނެ މީހަކު މަދުވާނެއެވެ.

މީޑިއާގައި ފަހަކާޖެހެންދެން އެއްވެސް ވާހަކައެއް ދައްކާފައިނުވާ ނިމްސް އިން މިވަނީ މިހާރު ދިވެހި ހިއްސާދާރަށް ސީރިއަސް ތުހުމަތުތަކެއްވެސް ކޮށްފައެވެ. އަދި ކަންހިގާފައިވާގޮތް ރައީސް އަށް ސާފުކޮށްދިނުމަށް ދިގު ސިޓީ އެއް އެފަރާތުން މިވަނީ ފޮނުވާފައެވެ.

ދިވެހި ހިއްސާދާރު ގިނަ ޝަކުވާތަކެއް ކުރިން ކޮށްފައިވާއިރު މިފަހަރު ތިލަވި ކަންކަމުގެ ތެރޭގައި ހައިރާންކުރުވީ ދިވެހިމިހާ ގޯސްހަދާފައި އޮތްވަރު ބޮޑުކަން ފަޅާއެރުމުންނެވެ.

ހޮސްޕިޓަލުގެ ތަރައްްޤީއަށް ނިމްސް އިން ފޮނުވި ސީޓީ ސްކޭން މެޝިނާ އެކޯ ސައުންޑް މެޝިން ކުޅުދުއްފުއްށީގައި ބަހައްޓަން ހުރަހަކަށް މިވީ ދިވެހި ޕާޓްނަރެވެ. ނިމްސް އިން ހަރަދުކޮށްެގެން ރާއްޖެގެނެސްފައިވާ މިތަކެތީގެ ކަސްޓަމްސް ކްލިއަރެންސް ނުނިންމާ ދެމަސްވެފައިވާއިރު ނިމްސްއަށް ޖެހިފައިމިއޮތީ މިހާރު ލައްކައިން ޑެމަރޭޖް ދައްކާށެވެ. ނަމަވެސް ސީޓީ ސްކޭން ކްލިއާރ ކުރެވުމުން ފައިސާގެ ޝަކުވާއެއް ނިމްސްގެ އޮތީކީ ނޫނެވެ.

ނިމްސް އިން ކުޅުދުއްފުއްޓަށް ފޮނުވަން މަސައްކަތްކުރި ޑޮކްޓަރުންގެ ވިސާ ހަމަޖައްސެމަށް ހަަވާލުކުރި ޕާސްޕޯޓާ ތައުލީމީ ސެޓިފިކެޓްތައް ނުލިބުމުގެ ސަބަބުން ބައެއް ޑޮކްޓަރުންނާ ސްޓާފުންނަށް އަދިވެސް ވަނީ ރާއްޖެ އާދެވޭގޮތްނުވެފައެވެ. ހޮސްޕިޓަލަށް ކެމިކަލް އެތެރެކުރުމަށް ނަގަންޖެހޭ ހުއްދަ ނުނެގި ތަނުން ކެމިކަލް ހުސްވެއްޖެއެވެ. ކަންތައް މިހިސާބަށް ދިއުމުން ސަރުކާރުން ވަގުތީގޮތުން ހޮސްޕިޓަލް ހިންހުމަށް މިވަނީ ހަވާލުވެފައެވެ.

ޑޮކްޓަރުންގެ ވިސާ އަދި ޕްރެކްޓިސް ލައިސަންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހަވާލުކުރި އޮރިޖިނަލް ސެޓްފިކެޓްތައް ވީ އަދިވެސް ދިވެހި ޕާޓްނަރު އަތުގައެވެ. އެމަސައްކަތް ނުކުރިތާގަ އޮރިޖިނަލް ސެޓްފިކެޓް އަދި ޕާސްޕޯޓުތައްވެސް އަނބުރާ ހަވާލުނުކުރިއެވެ. އެންމެފަހުން ނިމްސް އަށް ޖެހުނީ އެތަކެތި ހޯދަން ފުލުހަށް ދާށެވެ.

މިހުރިހާ ކަމެއް މިހެން ހިގާފައިވާއިރު މިހާތަނަށް ހޮސްޕިޓަލުގައި ޑޮކްޓަރުން މަދުވުމަށް ދިމާވި ސަބަބަކީ ދިވެހި މީހާ އެވެ. އެއީ ޑޮކްޓަރުންގެ ޕާސްޕޯޓާ ސެޓްފިކެޓްތައް އަދިވެސް ހިފަހައްޓާފައި ވުމުންނެވެ. ސީޓީ ސްކޭން އަދި އެކޯ ސައުންޑް ހިދުމަތް ނުފެށިވަނީ ދިވެހި ޕާޓްނަރުގެ އިހުމާލުން ކަން މިއޮތީ ފެންނާށެވެ.

ނިމްސް އިން ބޭނުންވަނީ އަދިވެސް ހޮސްޕިޓަލް ތަރައްްޤީކުރުމަށެވެ. އަދި ކުރިން ދިމާވި މައްސަލަތައް ދެން ދިމާނުވާނެ އިންތިޒާމު ނިމްސް ިއިން ހަމަޖައްސާފައި މިހާރު އޮތް ވަހަކަ ބުނެއެވެ. އަދި ހޮސްޕިޓަލް ތަރައްްޤީކޮށް ހިންގާނީ ނިމްސް ގެ ތަޖުރިބާގެ އަލީގައި ކަމަށް މިވަނީ ބުނެފައެވެ.