Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މުޖުތަމައު ތެރެއިން: މި ވެސް ކުނި ގޮނޑެއް!

ފޭދޫގައި އެންމެ ގިނަ ބަޔަކު މިހާރު މޫދަށް އެރޭ އެއް ދިމާއަކީ ފޭދު އާއި ގަން ކޯޒްވޭ ދިމާލެވެ. އެ ދިމާލުގައި އޮންނަ ބީޗަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ތަނެކެވެ.

ތަން ބެނުން ކުރަން ފަސޭހަވުމާއި އެތަނުގެ ހިތްގައިމުކަމުން އެތައް ބަޔަކު ހިތްހަމަޖައްސަމުން އަންނަ އިރު، ނޭދެވޭ ބައެއް ކަންކަން ވެސް އެ ބީޗުން ފާހަގަ ކުރެ އެވެ.

އެންމެ ބޮޑު އެއް މައްސަލަކީ އެތަނަށް ކުނި އަޅާ މައްސަލަ އެވެ. މިހާރު ވެސް ގޮސް އެ ބީޗާ ދިމާލަށް ހުއްޓިލާށެވެ. ގިނަ އަދަދަކަށް ޕްލާސްޓިކް ހުސް ފުޅި އެހެރީ އެ ތަނަށް އުކައިފަ އެވެ. ޕްލާސްޓިކް ކޮތަޅާއި ދަޅު ވެސް އެބަ ހުއްޓެވެ. ސުވާލަކީ ކޮން ބަޔަކު ކުރާ ކަމެއްތޯ އެވެ؟ ޒިންމާ ނަގާނެ ބަޔަކު އެބަ ތިބި ހެއްޔެވެ؟ އަނެއްކާ މިއީ އެހެން ދިމާއަކުން މި ބީޗަށް ލެއްގި އެއްޗެހިތޯ އެވެ؟

ޔަގީނުން ވެސް ބުނަން އެނގޭ އެއްޗަކީ އެ ބީޗްގެ ރީތިކަން މިފަދަ ކަންކަމާ ހެދި ގެއްލޭކަމެވެ. ތަނުގެ ސާފުތާހިރުކަން ގެއްލުމެވެ. ތަނުގެ ރީތިކަމާއި ހިތްގައިމު ކަމަށް ވެސް ކުނީގެ ސަބަބުން ފަނޑުވެގެން ދިއުމެވެ.

"މިއީ ހަމަ މިތަނަށް އެރޭ މީހުންގެ ޒިންމާދާރުކަން ކުޑަކަން،" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މީގައި އޮތް ހައްލަކީ ފުޅި އާއި އެކި ކަހަލަ ޕެކެޓް ފަދަ ތަކެތި ބީޗަށް އެރެން ގެންދިޔަ ނަމަވެސް އެ ތަކެތި އަނބުރާ ގެންދިއުމެވެ. ފަހަރުގައި ޑަސްބިނެއް އެ ސަރަހައްދުގައި ނެތުމަކީ މައްސަލަކަށް ވެދާނެ އެވެ. އެކަމަކު ފަރުދީ ޒިންމާ ކޮބައި ހެއްޔެވެ؟

ތިމާ ބޯލަން ގެންދާ ފެންފުޅި ނުވަތަ ދަޅު ނުވަތަ ކާލި ސްނެކްސް ޕެކެޓެއް ބޭނުންކޮށްފައި ބީޗަށް އުކާލަންވީ ހެއްޔެވެ؟ މީގެ ސަބަބުން ޔަގީނުން ވެސް އެތައް ބަޔަކަށް އުނދަގުލާއި ތުރާ ވެސް ކުރިމަތިވާނެ އެވެ. ވުމާ އެކު، ތިމާ ނޫން އެހެން މީހުން ވެސް މިފަދަ އާންމު އިޖުތިމާއީ ތަންތަން ބޭނުން ކުރާނެކަން ދަނެގެން، ޖެހުނު ތަނަކަށް ކުނި އެޅުމުގެ އާދަ ދޫކޮށްލާށެވެ.

ފޭދު އާއި ގަމާ ގުޅޭ ކޯޒްވޭ ސަރަހައްދަކީ ވަރަށް ގިނަ ޓޫރިސްޓުން ވެސް ދަތުރުކޮށް ހަދާ ދިމާލަކަށްވާތީ އެތަން ހަޑިކޮށް އޮތުމަކީ ހަމަ މުޅި އައްޑު އަށް ލިބޭނެ ހަޑިއެކެވެ. އެހެންވެ އެ ހަޑި ހާވަން ނަހަދައި، ކުންޏާ ދޭތެރޭ ސަމާލުވާށެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.