Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: މި ކާނު މިހެން ބަހައްޓާނީތަ؟

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ މަގުމަތީގައި ހުންނަ ކާނުތަކާއި އެ ނޫން ވެސް ތަންތަން މަރާމާތުކޮށް ބެލެެހެއްޓުން މުހިއްމެވެ. އެ ޒިންމާ އަދާ ފުރިހަމަ އަށް އަދާ ނުކުރެވޭ ނަމަ، އެތައް ބައެއްގެ އޭގެ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ އެވެ.

ފޮޓޯތަކުން މި ފެންނާނީ ފޭދޫގެ ހަތަރުއަގޮޅިއެއްގައި ފެން ހިންދަން ބަހައްޓާފައި ހުރި ކާނެއްގެ މަތިގަނޑު ބިންދައިގެން އަޑިއަށް ދާން ފަށާފައި އޮތް ތަނެވެ. މި ކާނަކީ ފޭދޫ ރަަސްމީ ބޯޅަދަނޑާ ދިމާލަށް އޮންނަ ލިލީމަގުގެ ހަތަރުއަގޮޅީގައި ބަހައްޓާފައި ހުރި ކާނެވެ.

މި ކާނު މިހާރު މި ހުރި ހާލަތަށް ދޫކޮށްލައިފި ނަމަ، އެއްކޮށް ހަލާކުވެ، މަގު ބޭނުން ކުރަން ވެސް ދަތި ވެދާނެ އެވެ. ހާއްސަކޮށް ހަތަރު ފުރޮޅުލީ ވެހިކަލްތަކަށެވެ. އެހެންވެ މިތަން ވީހާ ވެސް އަވަހަކަށް ހައްލު ކުރުން މުހިއްމެވެ. ވަކިން ހާއްސަކޮށް މިތަން މިހެން އޮތުމާ އެކު ރޭގަނޑު އެ ސަރަހައްދުން ދުއްވާ މީހުން ހާއްސަ ސަމާލު ކަމެއް ދިނުން ވެސް މުހިއްމެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓަށާއި އެމްއާރްޑީސީގެ ސަމާލު ކަމަށް މިކަން އައިސްފައި އޮތް ނަމަ، މި ކާނު މިގޮތަށް ދޫކޮށްލާފައި ނުބަހައްޓާށެވެ. ވެހިކަލެއް މީގެ ތެރެއަށް ގަނބައިގެން ހިނގައްޖެ ނަމަ، އޭގެ ގެއްލުން ބޮޑު ވާނެ އެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނޭހެން ހާދިސާއެއް ހިނގުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހެ އެވެ.

މަގުމަތީގައި ހުންނަ ކާނު ފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓެން ވާނެ އެވެ. އެއީ އެންމެންގެ ފަސޭހަ އާއި ރައްކާތެރިކަމާއި ސަލާމަތަށްޓަކަ އެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.