Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ކޭޓްގެ ބޮލުގެ އިސްތަށިތަކެއް ޗެރިޓީއަކަށް

ކެންސަރަށް ފަރުވާ ހޯދާ ކުޑަކުދިންނަށް ހާއްސަކޮށްގެން ހިލޭ ސާބަހަށް ހިންގާ އިނގިރޭސި ޖަމިއްޔާ "ދަ ލިޓްލް ޕްރިންސެސް ޓްރަސްޓް" އަށް އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ބޮލުގެ އިސްތަށިތަކެއް ހަދިޔާކޮށްފި އެވެ.

"ދަ ލިޓްލް ޕްރިންސެސް ޓްރަސްޓް" އަކީ ކެންސަރަށް ދޭ ކީމޯތެރަޕީ އާއި ރޭޑިއޭޝަން ފަރުވާގެ ސަބަބުން ބޮލުން އިސްތަށި ފައިބާ ކުދިންނަށް އަމާޒުކޮށްގެން ބޮލުގައި ޖަހާ ވިގް ހަދާ ޖަމިއްޔާއެކެވެ.

ކޭޓްގެ އިސްތަށިތަކެއް ހަދިޔާ ކުރުމުން "ދަ ލިޓްލް ޓްރަސްޓް" އިން ވަނީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"ކޭޓް މި ދިން ހަދިޔާއަށްޓަކައި އަހަރެމެން ހިތުގެ އަޑިން އެކަމަނާ އަށް ޝުކުރު އަދާ ކުރަން. އަހަރެމެން ގަބޫލު ކުރަނީ ރާނީއެއްގެ ބޮލުގެ އިސްތަށިތައް އެކުލެވޭ ގޮތަށް ހަދާފައިވާ ވިގެއް ބޭނުން ކުރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް،" ދަ ލިޓްލް ޕްރިންސެސް ޓްރަސްޓްގެ ތަރުޖަމާން ހެލެން ކްރީޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޭޓް ފަދަ ނުފޫޒު ފަދަ ޝަހުސިއްޔެއްގެ ބޮލުގެ އިސްތަށިން ބައެއް ހަދިޔާ ކުރުމަކީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވުމަށް ބާރު ވެސް އެޅޭނެ ކަމެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ވެސް ވަނީ އޭނާގެ ދިގު އިސްތަށިގަނޑުން ބައެއް "ދަ ލިޓްލް ޕްރިންސެސް ޓްރަސްޓް" އަށް ހަދިޔާކޮށްފަ އެވެ.