Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ފުލުހުންގެ ދެކުނުގެ އާ ކޮމާންޑަރަކަށް ސާމީ

ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރަކަށް މިދިޔަ މަހު ހަމަޖެއްސި އަހުމަދު ސާމީ ހަމަޖެއްސުމާ ގުޅިގެން އޭނާ މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

އެ ބައްދަލުވުމުގައި އޭނާ ވަނޫ އައްޑޫ ސިޓީ ކައުންސިލުން މިހާރު ވެސް ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާކަން ފާހަގަކޮށް، ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ސާމީ ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދޭނީ ޤާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ގޮތެއްގައި އަދާ ކުރަންން ކަމަށާއި އައްޑު އާއި ފުވައްމަލައް ސިޓީ ހިމެނޭ ގޮތަށް ކުށް މަދުކުރުމަށާއި އަމާން މުޖުތަމަޢެއް ގާއިމު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން މިހާރު ފުލުހުން ތަރުތީބު ކުރެވިފައިވާ ގޮތަށް ބަދަލުތަކެއް ގެނެސް ކޮންމެ ޑިއުޓީ ގަޑިއެއްގައި އުޅޭ ފުލުހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫގައި އެކްސިޑެންޓްތައް ދިމާވާ ނިސްބަތް ގިނަކަން ފާހަގަ ކުރެވޭ ކަމަށާއި، އިސްކަމެއްގެ ގޮތުގައި އެކަން ދެކި ނުރައްކާތެރި އެކްސިޑެންޓްތައް މެދުވެރިވުން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ފުލުހުންނާ އެކު ވަރަށް ގާތް ގުޅުމެއް މިހާތަނަށް ވެސް ކައުންސިލުން ބޭއްވަމުން އަންނަ ކަމަށާއި މި ސިޓީއަކީ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދި މޭޔަރު ވަނީ އައްޑޫގައި މިހާރު ކަންކަން ހުރި ގޮތް ކައުންސިލުން ވަނީ އައު ކޮމާންޑަރަށް އޮޅުންފިލުވައި ދެއްވައިފަ އެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކޮމާންޑަރު ޖަމްޝީދު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.