Last Updated: April 19, 16:50
Friday, April 19, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: މިއީ ބޮޑު އިވެންޓެއް ނިންމާލަން ޖެހޭ ގޮތް؟

އިއްޔެ އައްޑޫގައި ބޭއްވި "އީކްއޭޓާ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރެތަން" ނިންމުމަށް ފަހު ދުވުން ފެށި ސިޓީ ސްކޮއާ ސާފުނުކޮށް، ހަޑިކޮށްލާފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް މުބާރާތުގެ އިންތިޒާމުވެރިންނަށް އަމާޒުވެއްޖެ އެވެ.

މެރެތަން ނިންމާލުމަށް ފަހު އިންތިޒާމު ކުރި ފަރާތްތަކުން ސިޓީ ސްކޮއާ ސަރަހައްދަށް އެޅިފައި ހުރި ކުނި ސާފުނުކޮށް އެއްޗެހި ހުރި ތަނަކަށް އެއްލާލާފައިވާ އިރު މެރެތަން ގައި ބޭނުންކުރި ބޯޑުތަކެއް ވެސް ވަނީ އެސަރަހައްދަށް އުކާލައިފަ އެވެ.

"ބައިނަލް އަގުވާމީ ދުވުމެއް އިންތިޒާމު ކުރުމަށް ފަހު ދުވުން ނިމުމުން ތަން ސާފުކޮށްލާނެ ކަމަށް އުއްމީދު ކުރެވުނު. މިއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް. މީގެ ސަބަބުން މިފަދަ އިވެންޓްތަކަށް ރައްޔިތުންގެ ތަރުހީބު ކުޑަވެގެން ދާނެ،" "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.

ސޯޝަލް މީޑިޔާގައި ވެސް އިވެންޓް ކުރިއަށް ދިޔަ ގޮތާ މެދު ފާޑުކިޔާފައިވާ އިރު ބައެއް މީހުން ވަނީ ރަޖިސްޓްރީ ކުރި އިރު ދުވަން ތައްޔާރުވެގެން ދިއުމުން ލިސްޓްގައި ނަން ނެތް ކަމަށް ވެސް ބުނެފަ އެވެ.

މި މެރަތަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. ބައިވެރިވި ގައުމުތަކުގެ ތެރޭގައި ކެންޔާ، މޮރޮކޯ، ޔޫކޭ، ސްރީ ލަންކާ އިންޑިއާ، މެލޭޝިއާ، ޔުގެންޑާ އަދި ޖަޕާން ފަދަ ގައުމުތަކުގެ އެތުލީޓުން ހިމެނޭ ކަމަށްވެ އެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.