Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ބަރުދަން ލުއި ކުރަން "ކޮއްޅަށް ހުރޭ"

ބަރުދަން ލުއި ކުރާނެ ތަފާތު އުކުޅުތަކުގެ ވާހަކަތަކަކީ ދައްކައި ހުސްވާނެ ވާހަކަތަކެއް ނޫނެވެ. ގިނަ ބަޔަކު އިއްތިފާގުވާ އެއް ކަމަކީ ގަވައިދުން ކަސްރަތު ކުރުމާ އެކު، ރަނގަޅު ޑައިޓް ޕްލޭނެއް ގެންގުޅުމަކީ އެންމެ މޮޅު ގޮތެވެ.

އެކަމަކު މި ބަހުސްގެ ތެރެއަށް އަބަދު ވެސް އާ ކަމެއް އިތުރުވެ އެވެ. މިހާރު ބަރުދަން ލުއި ކުރަން ބޭނުން ނަމަ ދައްކަން ޖެހެނީ އަދި މުޅިން އެހެން ކަހަލަ ވާހަކައެކެވެ.

ދިރާސާއެއްގައި މިހާރު ބުނަނީ ބަރުދަން ލުއި ކުރަން ބޭނުން ނަމަ، ކުރަންވީ ކަމަކީ ދުވާލަކު މަދުވެގެން ހަ ގަޑިއިރު ކޮއްޅަށް ހުރުން ކަމަށެވެ. އެ ދިރާސާ ބުނާ ގޮތުން ކޮއްޅަށް ހުންނަ ކޮންމެ މިނިޓަކު ހަށިގަނޑުން 0.15 ކެލޮރީޒް އަންދައިލަ އެވެ.

މާނައަކީ މިސާލަކަށް ބަރުދަނުގައި ހުރީ 65 ކިލޯ ކަމަށްވާ ނަމަ، ދުވާލަކު ހަ ގަޑިއިރު ކޮއްޅަށް ހުރެގެން 54 ކެލޮރީޒް އަންދައިލެވުމެވެ.

އެހެންވެ ހައްލަކީ ފުރުސު ލިބޭ ވަރަކުން ވީހާ ވެސް ގިނައިން ކޮއްޅަށް ހުރެވޭތޯ ބެލުމެވެ.

ޔަގީނުން ވެސް ކޮއްޅަށް ހުރުމަކީ އިށީނދެ އިނުމަށް ވުރެ އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަމަކު ގިނަ ވަގުތު އިށީނދެގެން އިންނަ ނަމަ ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަނޑުލާ ގޮތްވުމެވެ.

ދިރާސާ ހެދުމުގައި ބައިވެރިވި އެމެރިކާގެ މާޔޯ ކްލިނިކްގެ ޕްރޮފެސަރު ފްރާންސިސްކޯ ލޮޕެޒް-ޖިމެނެޒް ވިދާޅުވި ގޮތުގައި ކޮއްޅަށް ހުކުރުމުން ހަމައެކަނި ކެލޮރީޒް އަންދައިލަނީކީ ނޫނެވެ.

"މީގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ވާންކަން ލިބި އެތެރެހެށީގެ މުހިއްމު ގުނަވަންތަކުގެ ދުޅަހެޔޮ ކަމަށް ވެސް ބާރު އަޅާ. އެގޮތުން ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކާއި ހަކުރުބަލި ފަދަ ނުރައްކާތަކުން ރައްކާތެރި ވެސްކޮށްދޭ،" އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޖާނަލް އޮފް ޕްރެވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާގައި އަދި ބުނާ ގޮތުން ކޮއްޅަށް ހުރެގެން ކެލޮރީޒް އަންދައިލެވޭ މިންވަރު އަންހެނުންނަށް ވުރެ ފިރިހެނުންގެ އިތުރެވެ. އެހެންވެ މިއީ ވަކިން ހާއްސަކޮށް ފިރިހެނުންނަށް ބަރުދަން ލުއި ކުރަން އޮތް ފަސޭހަ އެއް މަގަށް ވެދާނެ އެވެ.