Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރިސޯސް މޮބިލައިޒޭޝަން ވޯކްޝޮޕެއް އައްޑޫގައި

ކޮމިއުނިޓީ ޑިވަލޮޕްމަންޓް އިނީޝިއޭޓިވްސް (ކޮޑި) އާއި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އައްޑޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ބާއްވާ "ރިސޯސް މޮބިލައިޒޭޝަން އެންޑް ޕްރޮޕޯސަލް ރައިޓިން ވޯކްޝޮޕް" ފަށައިފި އެވެ.

މި މަހުގެ 4-7 އަށް ކުރިއަށްދާ ވޯކްޝޮޕަކީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ މަޝްރޫޢުތަކަށާއި ހަރަކާތްތަކަށް ރިސޯސް މޮބިލައިޒް ކުރުމަށް ހުރި ތަފާތު ފުރުސަތުތައް ބުނެދިނުމާއި ދާއިރާގެ ތަރައްޤީއަށް ޖަމްޢިއްޔާ ޖަމާޢަތްތައް އެކުގައި މަސައްކަތް ކުރިވިދާނެ ގޮތްތައް ކިޔާދިނުމާއި ޑޯނާ އެޖެންސީތަކަށް ހުށަހަޅަން ޖެހޭ ޕްރޮޕޯސަލްތައް ރައްޔިތުންގެ ބައިވެރިވު މާއެކު އެކުލަވާނެ ގޮތްތައް ދަސްކޮށް ދިނުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުން ޑޮނާ އެޖެންސީތަކުން އެހީ ހޯދާނެ ގޮތާއި ފަންޑް ރެއިސް ކުރާނެ ގޮތްތަކާއި ސްޕޮންސަރުން ހޯދާނެ ގޮތާއި، ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެހީ ހޯދާނެ ގޮތާއި ވިޔަފާރި ކުންފުނިތަކާ ގުޅިގެން ވަކި ކަމެއް ކުރިއަރުވަން މާކެޓް ކުރުމާއި ސީއެސްއާރްގެ ތެރެއިން މަސައްކަތް ކުރާނެ ގޮތާއި ކައުންސިލްތަކާއި ގުޅިގެން މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދިދާނެ ގޮތްތައް ބުނެދީ މިކަންކަމަށް އެދި ހުށަހެޅުމަށް އެކުލަވާލަންޖެހޭ ޕްރޮޕޯސަލްތައް އެކުލަވާލަން ދަސްކޮށް ދޭނެ އެވެ.

މީގެ އިތުރުން،ކޮމިއުނިކޭޝަން، ކޮމިއުނިޓީ އެމްޕަވަމަންޓް، ލީޑަޝިޕް، ނެޓްވޯކިން އަދި ވިޝަނިންގެ މުހިންމުކަން ވެސް ބައިވެރިންނަށް އޮޅުން ފިލުވައިދިނުން ހިމެނެ އެވެ.

ޖަމްޢިއްޔާ ޖަމާޢަތްތައް ހިންގާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރު ކުރަމަށް ހިންގާ ވޯރކްޝޮޕަކީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް (ސީއެފްއެލްއައި) ގެ އެހީގެ ދަށުން، "ބިލްޑިން ލޯކަލް ޑިމޮކްރަސީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" ގެ ނަމުގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ވޯކްޝޮޕެކެވެ.