Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަދިވެސް ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމައެއް ނުވޭ

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިތާ މަހެއްހާ ދުވަސްވާން ކައިރިވެފައިވާ އިރު، އަދިވެސް އައްޑޫގެ ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވާތީ ބެލެބިވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

މިހާރު ވެސް ސަރުކާރުގެ ގެޒެޓްގައި އައްޑޫގެ ބައެއް ސްކޫލްތަކަށް އެކިއެކި މާއްދާތައް ކިޔަވައިދޭ ޓީޗަރުންނަށް ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަބައިދޭ ސެން ޓީޗަރުބް ހޯދަން އިއުލާންކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ޓީޗަރުން ހަމަ ނުވާ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރި ބެލެނިވެރިއަކު ބުނީ މާއްދާތައް ނަގައި ދޭން ޖެހޭ ޓީޗަރުން ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ބަދަލު ޓީޗަރުން މާއްދާތައް ނަގައި ދިނުމަކީ ދަރިވަރުންނަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ކިޔެވުން ފެށިތާ މަހެއްހާ ދުވަސްވީ އިރު ވެސް ޓީޗަރުން ސްކޫލްތަކުގައި ހަމަނުވާތީ،" އޭނާ ބުންޏެވެ.

މި މައްސަލާގައި ބައެއް ސްކޫލްތަކުގެ ބެލެނިވެރިން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ސްކޫލްތަކުގެ މެނޭޖްމަންޓާ ވެސް ހިއްސާކޮށްފަ އެވެ.

މި އަހަރުގެ ދިރާސީ އަހަރު ފެށެން ގާތްވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައި ވަނީ ސްކޫލްތައް ހުޅުވޭ އިރު، ހުރިހާ ސްކޫލެއްގައި ވެސް ޓީޗަރުން ހަމަވާނެ ކަމަށެވެ.

އެކަމަކު އެކަން އެގޮތަށް ނުވާކަން ޓީޗަރުން ހޯދަން ކޮންމެ ދުވަހަކު ގެޒެޓްގައި އިއުލާން ކުރާތީ ސާފުވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.