Last Updated: May 2, 16:44
Thursday, May 2, 2024
ރިޕޯޓް

ވީޑިއޯ ގޭމް ކުޅުވާ، ކުދިން ހިސާބަށް މޮޅު ވާނެ

ވީޑިއޯ ގޭމް ކުޅެން ދެވި ހިފުމަކީ ނަފުސާނީ ބައްޔެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި ވަނިކޮށް، ގޭމް ކުޅުމާ ބެހޭ ގޮތުން ހެދި އެހެން ދިރާސާއެއްގެ ވާހަކަ އަނެއްކާ ވެސް ގަދަވެއްޖެ އެވެ.

މި ފަހަރު މިއޮތީ ވީޑިއޯ ގޭމް ކުޅުމުން ލިބޭ ފައިދާތަކެއްގެ ވާހަކަ އެވެ. ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އުމުރުން ކުޑަ އިރު، ގޭމް ކުޅުމަކީ ހިސާބާއި ސައިންސާއި އިންޖިނިއަރިން ފަދަ މާއްދާތަކަށް މޮޅުކޮށް ދޭން ބާރު އަޅާކެމެކެވެ.

އެގޮތުން ތުއްތު އުމުރުގައި ވީޑިއޯ ގޭމާއި ލެގޯ ކުޅުމުން ވިސްނުން ތޫނުވުމުގެ އިތުރަށް ސިކުނޑީގެ ވިސްނުމުގެ ބާރުގަދަކޮށް ދޭ ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

 

އެމެރިކާގެ ކޯޕަރޭޓިވް އިންސްޓިޓިއުޓް ފޮ ރިސާޗް އިން އެންވަޔަރަމަންޓް ސައިންސް (ސީއައިއާރްއީއެސް) އިން ވާހަކަ ދެއްކެވި އެނީ ގޯލްޑް ވިދާޅުވި ގޮތުގައި ވިސްނައި ފިކުރު ކުރަން ޖެހޭ ޒާތުގެ ކުޅިވަރުތަކުގެ ތެރެއަށް ކުދިން ވެއްދުމަކީ ސިކުނޑި ބޮޑުވަމުން އަންނަ ވަރަކަށް، ވިސްނުން ތޫނުކޮށް ދޭނެ ކަމެކެވެ.

"އޭގެ މާނައަކީ އެފަދަ ކުދިންނަކީ ހިސާބާއި ސައިންސާއި އިންޖިނިއަރިން ފަދަ މާއްދާތަކަށް މޮޅުވާނެ ކުދިންނޭ،" ޖިއޮސްފިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އެނީ ވިދާޅުވި ގޮތުގައި ކުދިންނަށް ކުޅޭ ސާމާނު ހޯދައިދޭ އިރު، މައިންބަފައިން ވިސްނަން ޖެހޭ ކަމަކީ "ކޫސަނި" ތަކެތި ހޯދައި ދިނުމުގެ ބަދަލުގައި ބޭނުންތެރި "އުފެއްދުންތެރި" އެއްޗެހި ހޯދައި ދޭށެވެ.