Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކައުންސިލް މުވައްޒަފުންނަށް ކޯހެއް ފަށައިފި

އައްޑޫ ސިޓީ ކައުންސިލް މުވައްޒަފުންނަށް ހިންގާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ބުރާސްފަތި ދުވަހު ފަށައިފި އެވެ.

މިއީ ކައުންސިލާއި ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކޮށް މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ކޯސް ފެށުމުގެ ރައްމިއްޔާތުގައި އައްޑޫ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވީ، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ކުރިއެރުމަކީ ކައުންސިލުން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތު ދޭ ކަމެއް ކަމަށެވެ.

އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓާއި ގުޅިގެން ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިވެ މަސައްކަތުގެ ފެންވަރު އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި ކައުންސިލްގެ އިދާރާގެ 20 މުވައްޒަފަކު ބައިވެރިވެރިވެ އެވެ.

ކައުންސިލް އިދާރާއިން މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމނިސްޓްރޭޝަން ކޯހުގެ އިތުރުން އެއް އަހަރު ދުވަހުގެ ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ކޯހުގެ އޮރިއެންޓޭޝަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ބާއްވައިފަ އެވެ.