Last Updated: May 3, 17:51
Friday, May 3, 2024
ޚަބަރު

އިކޯ-ޓޫރިޒަމް ފެސިލިޓީ އަށް ވެހިކަލް ހޯދަނީ

އައްޑޫ ހިތަދޫ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަމުން އަންނަ އިރު، އެތަނަށް ބޭނުންވާ ވެހިލަތައް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އަލުން ބީލަމަށް ލައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ދެ ސީޓް ހިމެނޭ ފަސް ސީޓް ހިމެނޭ ތިން ބަގީ އާއި ނުވަ ސީޓް ހިމެނޭ އެއް ބަގީ އާއި އިލެކްޓްރިކް ކާގޯ ޓްރައިސައިކަލް ތިނެއްޗާއި ހަ ސީޓްގެ ސުރޭ ސައިކަލްގެ އިތުރުން ހަތަރު ސީޓް ހިމެނޭ ދެ ސްރޭ ސައިކަލް ސަޕްލައި ކުރަން ބޭނުންވާ ކަމަށެވެ.

އެހެންވެ މި ތަކެތި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ.

އައްޑޫ އިކޯ-ޓޫރިޒަމް ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ބައެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރިން ވަނީ އިކޯ-ޓޫރިޒަމް ފެސިލިޓީ އަށް ބޭނުންވާ ބައެއް އެހެން ތަކެތި ހޯދަން ވެސް ބީލަމަށްލައިފަ އެވެ.