މުނިފޫހިފިލުވުން

"ޕެޑްމޭން" ގޮވައިގެން ކޯޓަށް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އަކްޝޭ ކުމާރްގެ ފިލްމް "ޕެޑްމޭން" އަކީ އެހެން މީހެއްގެ ސްކްރިޕްޓެއް ކޮޕީކޮށްލައިގެން ހަދާފައިވާ ފިލްމެއް ކަމަށް ކުރިން ވެސް ތުހުމަތުކޮށްފައި ވަނިކޮށް ފިލްމް ބަލައިލުމުން އެކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ބުނެ "ޕެޑްމޭން" ގެ ޓީމްގެ މައްސަލަ ފުލުުހުންނަށް ހުހަށަހަޅައި، ކޯޓްގައި ދައުވާ ކުރަން ނިންމައިފި އެވެ.

އާރް ބަލްކީ ލިޔެ، ޑައިރެކަޓްކޮށްފައިވާ ފިލްމާ ދެކޮޅަށް ދައުވާ ކުރަނީ ރީޕޫ ދާމަން ނަމަކަށް ކިޔާ ޒުވާން ލިޔުންތެރިއެކެވެ. ރީޕޫ ވަނީ މި ފިލްމްގެ ޓްރެއިލާ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒް ކުރުމާ އެކު ވެސް އެއީ އޭނާގެ ސްކްރިޕްޓުން "ވައްކަންކޮށްގެން" ހަދާފައި އޮތް ފިލްމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ރީޕޫގެ ސްކްރިޕްޓް ވަނީ ސްކްރީން ރައިޓާޒް އެސޯސިއޭޝަންގައި ޑިސެމްބަރު، 5، 2016 ގައި ރަޖިސްޓްރީ ވެސްކޮށްފަ އެވެ. "ޕެޑްމޭން" އުފައްދާކަން އަކްޝޭ އާއި ޓްވިންކަލް އިއުލާން ކުރީ ޖެނުއަރީ، 1، 2017 ގަ އެވެ.

މިކަމާ ގުޅޭ ގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ރީޕޫ އާންމު ކުރި ފޭސްބުކް ދިގު ޕޯސްޓެއްގައި ބުނީ އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް އަމާޒުކޮށްގެން ސެނިޓަރީ ނެޕްކިން އުފެއްދި އަރޫނަޗަލަމް މުރުގަނަތަމްގެ އަށް ބިނާކޮށް އޭނާ ލިޔުނު ސްކްރިޕްޓް ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ކްރިއޭޓިވް ހެޑް ރަޔަން ސްޓެފަން އާއި ޑައިރެކްޓަރު އަދިތިޔަ މޮޓްވާނޭއާ ވެސް ހިއްސާ ކުރި ކަމަށެވެ.

އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އަޑު އިވުނީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ އަރުނަޗަލަމް އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމި ވާހަކަ ކަމަށް ބުންޏެވެ.

ރީޕޫ ބުނީ "ޕެޑްމޭން" ބަލާލުމުން އެއީ އޭނާގެ ސްކްރިޕްޓް "އިރާލައިގެން" ހަދާފައި އޮތް ފިލްމެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

"އޭގެ ބައެއް ސީންތަކާއި ޑައިލޮގްތައް އަހަރެންގެ ސްކްރިޕްޓްގައި ހުރި ގޮތަށް ހަމަ ހުރީ،" އޭނާ ބުންޏެވެ. "އަހަރެން ލިޔުނު ގޮތަށް ފިލްމްގެ އެގާރަ މަންޒަރެއް އެބަހުރި. އެހެންވީމާ މިއިން އެބަ އެނގޭ ހަމަ އަހަރެންގެ ސްކްރިޕްޓް ކޮޕީކޮށްގެން ހަދާފައި އޮތް އެއްޗެއްކަން އެއީ."

މި މައްސަލަ ކޯޓަށް ވެއްދި ނަމަވެސް، މިކަމާ ދެކޮޅަށް ވަކާލާތު ކުރަން ރަނގަޅު ވަކީލަކު ހޯދޭ ވަރުގެ މާލީ ތަނަވަސްކަން ނެތުމުން ރީޕޫ ވަނީ އާންމުންގެ އެހީ އަށް ވެސް އެދިފަ އެވެ.

"ޕެޑްމޭން" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަކްޝޭ އާއި ރާދިކާ އަޕްޓޭގެ އިތުރުން ސޯނަމް ކަޕޫރެވެ. މި ފިލްމަށް ކްރިޓިކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އަދި ބޮކްސްއޮފީހުގައި އަންނަނީ ފިލްމެއް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ނަމަވެސް ރީޕޫގެ ތުހުމަތުތަކާ ބެހޭ ގޮތުން "ޕެޑްމޭން" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ޓްވިންކަލް ކުރިން ބުނެފައިވާ ގޮތުގައި "ޕެޑްމޭން" ހަދަން ހިޔާލު އައީ އޭނާ އެންމެ ފަހުން ލިޔުނު ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގައި ލިޔުނު ކުރު ވާހަކައަކުންނެވެ.