Last Updated: April 25, 20:50
Thursday, April 25, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: މި ވަނީ ކިހިނެއް؟

އައްޑޫގެ ބައެއް ރަށްރަށަކީ ގިރުމުގެ މައްސަލަ ވަރަށް ބޮޑު ރަށްރަށެވެ. އެއާ އެއްކޮށް ވެސް ރަށްރަށުގެ ގޮނޑުދޮށުން ވެލި ނެގުމުގެ މައްސަލަ ބޮޑެވެ. މިއީ ގާނޫނާ ހިލާފު ކަމަކަށް ވިޔަސް އަދިވެސް ފެންނަނީ މިފަދަ ކަންކަން ކުރުން ހުއްޓުމަށް ނާންނަ ތަނެކެވެ.

މިހިރަ ފޮޓޯތަކުން މިކަން މިއޮތީ ވަރަށް ބޮޑަށް ސާބިތުވާށެވެ. ކަމާ ބެހޭ ފަރާތްތައް ކޮބައި ހެއްޔެވެ؟ ފާޅުކަން ބޮޑު ގޮތަކަށް ހިންގާ މި ޖަރީމާ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ އެވެ. ނޫން ނަމަ، އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ވެސް ލިބި ދާނެ އެވެ. މީދޫގެ ފަޅެއް ކޮނެގެން ގިނަ އަދަދަކަށް ވެލި ނަގާ އިރު، ރަށުގެ ގޮނޑުދޮށް އެހެރެގެން ގިރައިގެން ދަނީ އެވެ.

މި ފޮޓޯތައް އާންމު ކުރި މީހާ ފޭސްބުކްގައި ލިޔެފައިވެ އެވެ؛ މީ ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުން އަންނަ ވައްކަން. މީހުން ދިރިއުޅޭ ރަށެއްގެ ފަޅު ކޮނެފައި ފަސް ނަގައިގެން އެ ރަށުގެ މީހުންނަށް ނޭނގި ވިއްކަނީ. ވިއްކައިގެން ލިބޭ ލާރިން ކުރަނީ ކޮން ކަމެއް؟ ހަމަ ގައިމު ވެސް މީދޫގެ އެއްވެސް ތާކަށް އެ ލާރި ހަރަދެއް ނުކުރޭ.

އޭނާގެ މި ކަންބޮޑުވުންތަކާ ދޭތެރޭ މުޅި މީދޫ ވެސް އަދި މުޅި އައްޑޫ ވެސް ކަންބޮޑުވާނެ އެވެ. މިއީ އެ ރަށުގެ ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ވެސް ވައްޓައިލުމެވެ.

މި ފޮޓޯތަކުން މި ފެންނަ މަންޒަރުތަކުގެ ހަގީގަތް ކަމާ ބެހޭ ފަރާތްތަކުން ރައްޔިތުންނަށް ސާފުކޮށް ދޭށެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.