Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

މުއިއްޒު، ބްރިޖް ނިމޭނެތަ؟: މަހްލޫފް

ސަރުކާރު މިހާރު އޮތް ހާލަތު ބޭރު ގައުމުތަކަށް ހާމަކޮށް ދޭން ސަރުކާރުގެ މިނިސްޓަރުން ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން، މި ސަރުކާރާ އެންމެ ގާތްކަން ބާއްވާ ޗައިނާ އިން ވެސް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުން ނުވި ކަމަށާއި ޗައިނާ އިން އަޅާ ބްރިޖް ދެން ނިމޭނެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ސުވާލު އުފައްދައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާ އަށް ކުރެއްވި ދަތުރުގައި ޗައިނާ ސިފައިން ރާއްޖެ ފޮނުވައި ދޭން އެދުނު ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"މިނިސްޓަރު ޗައިނާ އަށް ފޮނުވައިގެން ސީދާ ރާއްޖެ އަށް ޗައިނާ ސިފައިން އައުމަށް އެދުމުން ޗައިނާ ބުނީ ތިއީ ކަލޭމެންގެ އަމިއްލަ ކަމެކޭ. އެތައް އިންވެސްޓްމަންޓެއްކޮށްފައި އޮއްވާ މުޅި ގައުމު ހަރާބުކޮށްފިއޭ،" މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. "އެހެންވެ ފްލެޓް .. މުއިއްޒު ކައިރީ ސުވާލު މި ކުރަނީ ބްރިޖް ނިމޭނެތޯ؟"

ސަރުކާރުން ބުނެފައިވާ ގޮތުގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ހުޅުވާނެ އެވެ.

ބްރިޖާ ބެހޭ ގޮތުން މަހްލޫފް، މުއިއްޒު އަށް ސުވާލު ކުރިމަތި ކުރެއްވި އިރު، އެ މަނިކުފާނަށް ކުރިން "ވަގަށް ގޮވާފައިވާތީ" މަހްލޫފްގެ މައްޗަށް ދައުވާ ކުރައްވަން ވެސް މިނިސްޓަރު ވަނީ ނިންމަވައިފަ އެވެ.