Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ވެސްޓް ބްރޮމް ބަލިކޮށް ޗެލްސީ ހަތަރަކަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު 0-3 އިން ޗެލްސީ ކާމިޔާބުކޮށް އެނބުރި ތާވަލުގެ ހަތަރުުވަނަ މަގާމަށް ޖެހިލައިފިއެވެ.

އާސެނަލް ބަލިކޮށް ޓޮޓެންހަމް ވަގުތީ ގޮތުން ޗެލްސީގެ ކުރިއަށް ޖެހިލި ނަމަވެސް ރޭ ޗެލްސީ ހޯދި މޮޅާއެކު އަނެއްކާވެސް ޓޮޓެންހަމް ވަނީ ފަހަތަށް ޖައްސާލާފައެވެ.

ޗެލްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު، އެޓީމުގެ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑު ޖަހާފައިވާއިރު އަނެއް ލަނޑަކީ ވިކްޓަ މޯސެސް ކާމިޔާބުކުރި ލަނޑެކެވެ.

މިމޮޅާއެކު ޗެލްސީ ހަތަރުވަނައިގައި އޮތީ 53 ޕޮއިންޓާއެކުގައެވެ. ޗެލްސީގެ ކުރީގައި ލިވަޕޫލް އޮތީ 54 ޕޮއިންޓު ލިބިގެންނެވެ. އަދި ޔުނައިޓެޑު ދެވެނައިގައި އޮތީ 56 ޕޮއިންޓު ހޯދައިގެންނެވެ. ޓޮޓެންހަމް މިވަގުތު ތާވަލުގެ ފަސް ވަނައިގައި އޮތީ 52 ޕޮއިންޓާއެކުގައެވެ.

ސިޓީ ތާވަލުގެ އެއްވަނައިގައި 72 ޕޮއިންޓު ހޯދާފައިވާއިރު މިސީޒަނުގައި ދެން އެހެން ޓީމަކަށް ސިޓީ އަތުލެވޭނެ ކަމަށް ފުޓުބޯޅައިގެ މާހިރުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށް ތާވަލުގެ ގަދަ ފަހެއްގެ ވާދަވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އާސެނަލް ހަވަނައިގައި 45 ޕޮއިންޓާއެކު އޮތްއިރު އެޓީމަށް އަންނަ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.