Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ބީއެމްއެލް 'ކޭޝްލެސް ރައިޑް' ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ "ބީއެމްއެލް ކޭޝްލެސް ރައިޑް" ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ތައާރަފްކުރި މި ޚިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް މެދުވެރިކޮށް ދަތުރަށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.

މާލޭގައި މި ޚިދުމަތަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް މި ފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދައިދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ޚިދުމަތް ތައާރަފް ކުރުމުން، ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.