Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ ދަނޑު ނުދިއްލުން

ހުޅުދޫގެ ރައްޔިތުންގެ ތެރޭގައި މި ވަގުތު ހުރި ކަންބޮޑުވުންތަކަށް ބަލާ އިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށުގެ ރަސްމީ ބޯޅަދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ދިއްލޭނެ އިންތިޒާމް ހަމަނުޖެހި ގިނަ ދުވަސްތަކެއްވާތީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިހެން ބުނީ އެ އަވަށުގެ ރައްޔިތުންނާ އެކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

ހުޅުދޫ ދަނޑުގައި ލައިޓް ޕޯސްޓް ޖަހައި، ދިއްލޭނެ ގޮތް ހަދައި ދޭނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި ކައުންސިލުން ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް އެކަން ކޮށްދޭނެ ބަޔަކު އަދި ނުވެ އެވެ.

އެންމެ ފަހުން މިކަމަށް އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ހުޅުދޫ ދަނޑުގައި މިހާރު އަލިކަމެއް ނެތުމުން އެތަން ރޭގަނޑު ޒުވާނުންނަށް ކުރެވޭ ގޮތެއް ނުވެ އެވެ. އެހެންވެ ކައުންސިލުން ހުޅުދު އާއި މީދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރޭގައި ހުޅުދޫގެ ބަޔަކު ވަނީ ކައުންސިލާ ދެކޮޅަށް އަޑު ވެސް އުފުލައިފަ އެވެ. އެ ބައްދަލުވުމުގައި އަޑުއުފުލި ފަރާތްތަކުން، ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބޭނުން ނުހިފި ދިގުދެމިގެންދާކަން ފާހަގަކޮށް އެކަމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރި އެވެ.

އަދި ސަރުކާރު ގަބޫލު ނުކުރާ ކައުންސިލެއް ބޭނުން ނުވާ ކަމަށް ލިޔެފައިވާ ބެނަތަކާ އެކު އަޑު އުފުލި އެވެ.