Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ސޯނަމް މި އަހަރު ކައިވެންޏެއް ނުކުރާނެ

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އާނަންދު އަހޫނާ އަންނަ ޖުލައި މަހުގެ ތެރޭގައި ކައިވެނި ކުރަން ޕްލޭން ކުރި ނަމަވެސް އެކަން މިހާރު ލަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ ސޯނަމްގެ ކައިވެނި ލަސްކުރީ، ބަތަލާ ސްރީދޭވީ މަރުވުމާ ގުޅިގެން އާއިލާ އަށް ލިބިފައިވާ ފުން ހިތާމައާ ހެދި، މި ވަގުތަކީ ކައިވެނި ހަފުލާއެއް ފަދަ ބޮޑު ކަމެއް ބާއްވައި އުފާފާޅު ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށްވާތީ އެވެ.

ސްރީދޭވީއަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާ އެކު ގިނަ ފިލްމްތަކެއް ކުޅެފައިވާ އަދި، ބޮޑުބޭބެ ބޯނީ ކަޕޫރްގެ އަންހެނުންނެވެ. ސޯނަމް އާއި އާނަންދު ސްރީދޭވީ ޖަނާޒާގައި ވެސް ބައިވެރިވީ އެކީގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޯނަމާއި އާނަންދުގެ ކައިވެނި ކުރާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަދި ބެލެވޭ ގޮތުން އަހަރުގެ ކުރީކޮޅު ދެ މީހުން ކައިވެނި ކުރާނެ ކަަމަށް ބެލެވެ އެވެ.

އެ ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ސޯނަމްގެ އާ ފިލްމް "ވީރޭ ދީ ވެޑިން" އަންނަ ޖޫން 1 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، ރަންބީރު ކަޕޫރް ސަންޖޭ ދަތުގެ ރޯލް ކުޅޭ ފިލްމުން ވެސް އޭނާ ފެނިގެން ދާނެ އެވެ. އަދި ސޯނަމް އަންނަނީ ބައްޕަ އަނިލްއާ އެކު "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ގެ މަސައްކަތް ކުރަމުންނެވެ.