Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޓެކްނީޝަނުންގެ ރިސްކް އެލަވަންސް އުނިކޮށްފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ކަރަންޓާ ގުޅުން ހުރި މަސައްކަތް ކުރާ ޓެކްނީޝަނުންގެ ރިސްކް އެލަވަންސް މި މަހުން ފެށިގެން ކަނޑާލާފައިވާތީ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

މުވައްޒަފަކު ބުނީ ރިސްކް އެލަވަންސްގެ ގޮތުގައި ކުރިން ލިބެމުން އައި 75ރ. މި މަހުން ފެށިގެން އުނިކޮށްފައިވާ ކަމަށެވެ.

"މުސާރަ އަށް ދާދި ފަހުން ގެނައި ބަދަލަކާ އެކު، އަޅުގަނޑުމެން ޓެކްނީޝަނުންނަށް ދެމުން އައި ރިސްކް އެލަވަންސް މި މަހުން ފެށިގެން ނުދޭން މިހާރު އޮތީ ނިންމާފައި،" އޭނާ ބުންޏެވެ.

އަދި ރިސްކް އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް އެލަވަންސެއް ދޭ ނަމަ، ދޭނީ މަސައްކަތުގެ ތެރޭގައި ކުރާ ކަންކަމުގެ ތަފުސީލު ހާމަ ކުރަން ޖެހޭ ފޯމެއް ފުރައިގެން ކަމަށް މުވައްޒަފަކު ބުންޏެވެ.

"އެކަމަކު އެ ބުނާ ފޯމެއް ހޮސްޕިޓަލަކުން އަދި ލިބޭކަށް ނެތް." އޭނާ ބުންޏެވެ. "އެކަން މެނޭޖްމަންޓަކުން އަޅުގަނޑުމެންނާ ހިއްސާއެއް ވެސް ނުކުރޭ."

މުވައްޒަފުން ބުނީ އެ މީހުންގެ ރިސްކް އެލަވަންސް ކަނޑާލުމަކީ، އެ މީހުންގެ މަސައްކަތަށް މެނޭޖްމަންޓުން ދޭ ސަމާލުކަން ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

"އަހަރެމެން މަސައްކަތް ކުރަނީ އަބަދު ވެސް ރިސްކްގެ ތެރޭގައި. އަނެއްކާ މި ތަނުގައި ޓެކްނީޝަނުން އެހާ މަދުވެފައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ބޮޑުވެފައި ބުރަ،" މުވައްޒަފަކު ބުންޏެވެ.